އިނގިރޭސި ޕްރިމިއާ ލީގުގެ 26-2025 ގެ އާ ސީޒަންގެ ފުރަތަމަ މޮޅާއެކު ފުރަމަ 3 ޕޮއިންޓް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ހީދައިފި އެވެ.
އެންމެ ފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލް ގެ އަމިއްލަ ދަނޑުގައި ޕްރިއާ ލީގުގެ 26-2025 ގެ ފުރަތަތަމަ މެޗުގައި ރޭ ބޯން މައުތާއި ބައްދަލުކުރި މެޗުން ލިވަޕޫލް މޮޅުވީ 4-2 ގެ ނަތީޖާ އަކުންނެވެ.
މިފަހަރުގެ ސީޒަނަށް ލިވަޕޫލާ އަލަށް ގުޅުނު ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ 11 ގައި ހިމަނައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު 37 ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެޓީމާ އަލަށް ގުޅުނު ފްރާންސް ގެ ފޯވާޑް ހޫގޯ އެކިޓީކޭ އެވެ.
ލިވަޕޫލް ގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 2 ވަނަ ހާފްގެ ކުރީކޮޅު ކޯޑީ ގަކްޕޯ އެވެ. އެއަށްފަހު މެޗުގެ 64 ވަނަ މިނެޓްގައި ސެމެންޔޯ ވަނީ ބޯންމަތްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި މެޗުގެ 76 ވަނަ މިނެޓްގައި ސެމެންޔޯ ވަނީ ބޯންމަތްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗު ނިމެން ކައިރިވެފައިވަނިކޮށް 88 ވަނަ މިނެޓް ގައި ލިވަޕޫލަށް އަލުން ލީޑު ނަގައިދިނީ ދެވަނަ ހާފުގައި ކުޅެން އެރި ފެޑެރީކޯ ކިއޭސާ އެވެ. މިއީ ކިއޭސާ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ މެޗުގެ 4 ވަނަ ގޯލް ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އެވެ.