ރައީސް ޔާމީންގެ ގެކޮޅުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ "ސިޓިން ރޫމް"ޖަލްސާތައް އާރޓިފިޝަލް ބީޗަށް ބަދަލުކޮށް އަންނަ ބުރާސްފަތި ދުވަހުގެރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
"ވޭކްއަޕް"ގެ ނަމުގައި ބާއްވާ މިޖަލްސާއަކީ ދިވެހި ޤައުމަށް ދިމާވެފައިވާ ހާލަތާގުޅޭގޮތުން ބާއްވާ ވަރަށް ޚާއްސަ ޖަލްސާއެއްކަމަށް މި ޖަލްސާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. މިޖަލްސާގައި ޤައުމުގެ ހާލަތާބެހޭގޮތުން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމީން ބާއްވަވާ ފްރަންޓްލައިން އޮފީސް ޖަލްސާތަކަކީ ސަރުކާރު ޖަވާދާރީ ކުރުވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތެކެވެ. މި ޖަލްސާތަކުގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ ސަރުކާރުން ކުރަމުންގެންދާ ކަންތައްތަކަށް ވަރަށް ބޮޑަށް އަންނަނީ ފާޑުވިދާޅުވަމުންނެވެ.

މި ޖަލްސާއަށް ތައްޔާރުވުމުގެ މާލެސިޓީގެ އެކި އަވަށްތަކުގައި ޑޯރޓުޑޯރގެ ހަރަކާތްތައް ވަނީ ފަށާފައެވެ. ރައީސް ޔާމީންގެ އަރިސް ބޭފުޅުންކޮޅެއްކަމަށްވާ "ޓީމް ހުޅުމާލެ"އިން ހުޅުމާލެއާއި މާލެ އަދި ވިލިމާލޭގެ އެކި ގޭގެއަށް ޒިޔާރަތްކޮށް މިޖަލްސާއާ ބެހޭ މައުލޫމާތު ހިއްސާކުރަމުންދާކަން ފާހަގަކުރެވެއެވެ. މި ޖަލްސާއަށް އާންމުކޮށް ފުރުޞަތުވަނީ ހުޅުވާލާފައެވެ.





