އޯގަސްޓް މަހުގެ ނިއަލަށް ދައުލަތުގެ ޙަރަދު 15 އިންސައްތަ ދަށް ވެއްޖެ: ފިނޭންސް މިނިސްޓްރީ

2024 ވަނަ އަހަރާ އަޅާ ބަލާއިރު މިއަ ހަރުގެ އޯގަސްޓް މަހުގެ ނިއަލަށް ދައުލަތުގެ ޙަރަދުތައް 15.6 އިންސައްތަ ކުޑަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޙަރަދުކޮސްފައިވަނީ 24.8 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 15.6 އިންސައްތަ ދަށް އަދަދެކެވެ.

އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 1.7 އިންސައްތަ ކުޑަކޮށްފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 57.4 އިންސައްތަ ދަށްވެފަ އެވެ. މާލީ ހިސާބުތަކުން ދައްކާ ގޮިތުން ރިކަރަންޓް ހަރަދުގެ 56 އިންސައްތަ ޙަރަދުކޮސްފައިވަނީ އިދާރީ ހިންގުމަށެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 އިންސައްތަ ދަށް އަދަދެކެވެ. މީގެ އިތުރުން ސްޓޭޝަނަރީ އަށް ކޮސްފައިވާ ޙަރަދު 14.1 އިންސައްތަން ދަށްވެފައިވާއިރު، މެއިންޓެނަންސްގެ ހަރަދު ވަނީ 16.6 އިންސައްތަ ދަށްވެފަ އެވެ.

އަދި ދަތުރުފަތުރާ ގުޅޭ ކަންކަމަށް ދައުލަތުން ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމުނު އަހަރާ އަޅާބަލާއިރު 7.5 އިންސައްތަ ދަށަށް ގޮސްފައިވާއިރު ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރާ ހޭދަ ވެސް ވަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 6 އިންސައްތަ ދަށްވެފަ އެވެ.

ދައުލަތުގެ ޙަރަދަށް ބަލާއިރު އެ މުއްދަތުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 124.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 4 ބިލިއަން ރުފިޔާ އެވެ.

ދިޔަ ހަފްތާގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 19.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 4.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ ހަފްތާގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 5.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *