ގއ. ވިލިނގިލީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުންދިޔަ މައްސަލައާ ގުޅިގެން އެރަށުން ހައްޔަރުކޮށްފައިވަނީ ގ. ރޯޒީ / މާލެ، މުޙައްމަދު ޝާރިފް (37އ) ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ މީނާ ހައްޔަރުކޮށްފައިވަނީ ވިލިނގިލީ އެކި ފިހާރަތަކުން ތަކެތި ގަނެ އޮންލައިންކޮށް ފައިސާދެއްކި ކަމަށް ބުނެ ސައްހަ ނޫން ސްލިޕް ފޮނުވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އޭނާ އެކި ފިހާރަތަކުން 1500 ރުފިޔާގެ ތަކެތި ނަގާފައިވާ ކަމަށް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމށެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝާރިފް (37އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 8 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.