Advertisement
BML Home 2nd Ad

ޓެޓޫ ޖަހައިގެން ހުރި މީހަކު ކުރާ ނަމާދު ޞައްޙަ ވާނެތޯ؟

ޓެޓޫ ޖެހުމުގެ ޙުކުމް

Advertisement
Etukuri Inside ad 300x300 Desktop

ޓެޓޫ ޖެހުމަކީ ޙަރާމް ކަމެކެވެ. އޭގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅެވެ.

“لَعَنَ اللَّهُ الْوَاشِمَاتِ، وَالْمُسْتَوْشِمَاتِ، وَالْمُتَنَمِّصَاتِ وَالْمُتَفَلِّجَاتِ لِلْحُسْنِ، الْمُغَيِّرَاتِ خَلْقَ اللَّهِ” -متفق عليه- މާނައީ: “ޓެޓޫ ޖަހައިދޭ އަންހެނުންނާއި (ހަށިގަނޑުގައި) ޓެޓޫ ޖަހާ އަންހެނުންނާއި ބުމަ އުފުރާ އަންހެނުންނާ އަދި ރީތިކަންދެއްކުމަށްޓަކައި ދަތްތަކުގެ ދެމެދުގައިވާ ހުސްތަންފުރައި، ﷲ ގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ.”

މި ޙަދީޘްގައި އަންހެނުންގެ ވާހަކަ އައިސްފައިވިޔަސް މި ނަހީގެ ތެރެއަށް ފިރިހެނުންވެސް ވަދެގެންދެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ޙަދީޘްގައި އަންހެނުންގެ ވާހަކަ އައިސްފައިވަނީ ޢާއްމުކޮށް އެކަން ކޮށް އުޅެނީ (ނުވަތަ އެޒަމާނުގައި ކޮށްއުޅުނީ) އަންހެނުން ކަމުގައިވާތީއެވެ.

ޓެޓޫ ޖެހުމަކީ ބޮޑު ފާފައެކެވެ. އެއީ އެކަން ކުރާ މީހާއަށް ލަޢުނަތް ލެއްވިކަމަށް އައިސްފައިވާތީއެވެ.

ޓެޓޫއެއް ޖެހިފައިވާނަމަ ދެން ކަންތައް ކުރަންޖެހޭނީ ކިހިނެއް؟

ކޮންމެ ފާފައަކަށްވެސް ތައުބާވެވޭ ފަދައިން ޓެޓޫއެއް ޖެހުމުގެ ފާފައަށްވެސް އޭނާއަށް ތައުބާވެވޭނެއެވެ. އަދި އޭނާ ތައުބާވުމަށްފަހު އެފާފައިގެ ސަބަބުން ކުރިމަތިވި ލަޢުނަތުން އޭނާ ސަލާމަތްވާނެއެވެ. އަދި ތައުބާވުމުން އޭނާގެ ފާފަ ފުއްސަވާ ދެއްވާނެއެވެ.

ޓެޓޫ ފިލުވާނުލައި ތައުބާވެވޭނެ ހެއްޔެވެ؟

އެންމެ ރަނގަޅުގޮތަކީ ޓެޓޫ ފިލުވައިލުމެވެ. މިޒަމާނުގައި އެއީ ކުރެވިދާނެ ކަމެކެވެ. އެކަމަކު ޓެޓޫ ފިލުވާލެވެން ނެތްނަމަ އެ ޓެޓޫއާއެކު އުޅުމަކީ އެއީ މައްސަލައެއް ނޫނެވެ. ތައުބާވެފައިވާނަމަ އެޓެޓޫ ފިލުވައިނުލި ކަމުގައިވިޔަސް ތައުބާ ޞައްޙަވާނެއެވެ.

ޝައިޚް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ.

“ހަށިގަނޑުގައި ޓެޓޫ ޖެހުމަކީ ޙަރާމް ކަމެކެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އެކަން (އެކަމުގެ ޙަރާމްކަން) ޘާބިތުވެފައިވާތީއެވެ. މުސްލިމަކު އެކަމުގެ ޙުކުމް އެއީ ޙަރާމްކަމެއްކަން ނޭނގި އެކަން ކުރެވިފައިވާނަމަ، ނުވަތަ ކުޑައިރުގައި އެކަން ކުރެވިފައިވާނަމަ، އެއީ ޙަރާމްކަމެއްކަން އެނގުމަށްފަހުގައި، އޭނާގެ މައްޗަށްވަނީ އެ ފިލުވައިލުމެވެ. އެކަމަކު އެ ފިލުވާލުމުގައި އުނދަގޫކަމާއި ގެއްލުންލިބުން ހިމެނޭނަމަ، އޭނާ އެކަމަށް ތައުބާވުމުންނާއި އިސްތިޣްފާރުކުރުމުން (އެފާފަ ފުއްސެވުން އެދި ދެންނެވުމުން) ފުދޭނެއެވެ. އޭނާގެ ހަށިގަނޑުގައި އެ ޓެޓޫ އިނުމަކުން އޭނާގެ މައްޗަށް ގެއްލުމެއް ނެތެވެ.” “مجموع فتاوى العلامة عبد العزيز بن باز” (10 / 44).

ޓެޓޫ ޖަހާފަ ހުރި މީހަކު ކުރާ ވުޟޫ/ކުރާ ނަމާދު ޞައްޙަ ވާނެ ހެއްޔެވެ؟

ވުޟޫގެ ގުނަވަނެއްގައި (ވުޟޫކުރާ އިރު ދޮންނަން ޖެހޭ ގުނަވަނެއްގައި) ޓެޓޫ ޖަހާފައިވާ މީހާ އޭނާ އެ ޓެޓޫ ފިލުވައިނުލެވުނު ނަމަވެސް ވުޟޫކޮށް ނަމާދުވެސް ކުރަންޖެހޭނެއެވެ. އަދި އޭނާގެ ވުޟޫވެސް ޞައްޙަވާނެއެވެ. އަދި އޭނާގެ ނަމާދުވެސް ޞައްޙަވާނެއެވެ. އަދި ޓެޓޫ ޖެހުމުން އޭނާގެ މައްޗަށް އައި ލަޢުނަތް އޭނާ ތައުބާވުމާއެކު އެ ލަޢުނަތް ކެނޑިގެންދާނެއެވެ.

އެހެންކަމުން، ޓެޓޫއެއް ޖަހާފައިވާ މީހަކުވެސް، އޭނާގެ ގައިގައި ޓެޓޫއެއް ހުއްޓޭ ކިޔާފައި، ވުޟޫނުކޮށް، ނަމާދުނުކޮށް ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި ކިޔެއްތަ އޭނާގެ މައްޗަށްވަނީ ތައުބާވެ، އެ ޓެޓޫ ފިލުވައިލުމެވެ. އަދި ފިލުވައި ނުލެވޭނަމަ، އޭނާގެ ވުޟޫއާއި ނަމާދު އޭގެ ސަބަބުން ބާޠިލުވެގެންނެއް ނުދާނެއެވެ. އެހެންކަމުން އަޅުކަންކުރުމުގައި ޓެޓޫ ޢުޛުރަކަށް ނުހަދާށެވެ. ﷲ ތަޢާލާއީ ގިނަގިނައިން ފާފަ ފުއްސަވާ ތައުބާ ޤަބޫލުކުރައްވާ އިލާހެވެ.

 

މަރްޖިޢުތައް

https://islamqa.info/ar/answers/20283/

https://islamqa.info/ar/answers/99629

https://islamqa.info/ar/answers/4130

https://islamqa.info/ar/answers/9098

https://islamqa.info/ar/answers/304706

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add