"ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 64 މެންބަރުންގެ ވޯޓުންނެވެ. މި ބިލުގައިވާގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި ހިޔާލު ހޯދުމުގެ އިންތިޚާބު ބާއްވަންޖެހޭނެ އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްްވި "ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" އަކީ ޤާނޫނުއަސާސީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކޮށްފައިވާ ބިލެކެވެ.
މި ބިލުގައިވާގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށްކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.