މިދިޔަ އަހަރުގެ މިހާތަނަށް ދިވެހި 200 ސީމަނުންނަށް ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް ދޫކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ 2 އަހަރުގެ ކާމިޔާބީ ފާހަގަކޮށް ޓްރާންސްޕޮޓް މިނިސްޓްރީން ނެރެފައިވާ ފޮތުގައި ބުނެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އައި.އެލް.އޯގެ މެރިޓައިމް ލޭބަރ ކޮންވެންޝަނުން ސީމަނުންނަށް ދޫކުރުން ލާޒިމްކުރާ އެސް.އައި.ޑީ 2024 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ދިވެހި ސީމަނުންނަށް ދޫކޮށްފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން ބޯޓް ދަތުރުުރުމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ގިނަ ދިވެހިންނަށް ބޯޓު ދަތުރުކުރާ ލައިނަރތަކުގެ ވަޒީފާތަކަށް ދިއުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމާއެކު އެ މައްސަލައަށް ޙައްލެއް ހޯދައިދެއްވާ 2024 ވަނަ އަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހުން ފެށިގެން ދިވެހި ސީމަނުންނަށް އައި.އެމް.އޯއާއި އައި.އެލް.އޯ ޤަބޫލުކުރާ ފެންވަރުގެ އެސް.އައި.ޑީ ވަނީ، ދޫކުރަން ފަށާފައިވާ ކަމަށާއި އޭގެ ފަހުން މިހާތަނަށް 200 ސީމަނުންނަށް އެސް.އައި.ޑީ ދޫކޮށްފައިވާ ކަމަށް އެ ފޮތުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ނިއަރ ކޯސްޓަލް އޭރިޔާގައި ދަތުރުކުރާ އާގު ބޯޓުފަހަރުގައި މަސައްކަތް ކުރާ މީހުންނަށް ފުރުޞަތު އިތުރުކޮށް ކުރިއަށް ދެވޭނެ ގޮތް ހޯދައި ދިނުމަށްޓަކައި ސެޓްފިކެޓް އޮފް ކޮމްޕިޓެންސީވެސް ދޫކުރަން ފަށާފައިވާ ކަމަށާއި އެގޮތުން ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަންސް އަދި ސެޓްފިކެޓް 3 އިން މެރިން އިންޖިނިއަރިންގ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އޯރަލް އިމްތިހާނަށްފަހު ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ދޫކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އެއާއެކު މިދިޔަ 2 އަހަރުގެ ތެރޭގައި 14 ޑެކް ސީއޯއީ ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.