ޓްރެފިކް ޖޫރިމަނާގެ އަދަދު 5000 ރުފިޔާއަށްވުރެ މަތިވުމުން އެއްގަމު އުޅަނދު ބޫޓްކޮށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ޓްރެފިކް ޖޫރިމަނާގެ އަދަދު 5000 ރުފިޔާއަށްވުރެ މަތިވުމުން އެއްގަމު އުޅަނދުގައި ބޫޓްކޮށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އެއްގަމު ދަތުރުފަތުރާބެހޭ ގާނުނަށް ހުށަހަޅާފައި އިސްލާހުތަކުގައި މައިގަނޑު ގޮތެއްގައި ހުރީ އެ ގާނޫނުގެ ދަށުން ހަދާފައިވާ ގިނަ ކަންކަން ގާނޫނުގައި ހިމެނުމަށް ހުށަހަޅާފައެވެ. އެގޮތުން މިހާރު ހުށަހަޅާފައިވާ އެއްގަމު ދަތުރުފަތުރުގެ ބިލުގައި އެއްގަމު ދަތުރުފަތުރާއި އުޅަނދުތަކާ ބެހޭ ހުރިހާ އުސޫލުތަކެއް ހިމަނާފައިވެ އެވެ.

މި ބިލު ގާނޫނަކަށް ވުމަށްފަހު އެ ގާނޫނޫއި އެ ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުތަކުގެ ދށުން ކުރާ ޖޫރިމަނާގެ އަދަދު 5،000 ރުފިޔާ އަށް ވުރެ ބޮޑުވެއްޖެ ނަމަ ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސްކުރަންދެން، އެ ޖޫރިމަނާއާ ގުޅޭ އުޅަނދު ފުލުހުން ބޫޓް ކުރެވޭނެ އެވެ. އެއްގަމު އުޅަނދެއް ބޫޓްކުރުމަކީ އުޅަނދުގެ ފުރޮޅުގައި ނުވަތަ ޓަޔަރުގައި ނުވަތަ އުޅަނދުގެ އެހެން ބަޔެއްގައި އުޅަނދު ނުދުއްވޭގޮތަށް ނުވަތަ ދުއްވުން މަނާކުރުމަށްޓަކައި ޓްރެކްކުރެވޭ ގޮތަށް ހަރުކުރާ އިލެކްޓްރޯމެކޭނިކަލް އާލާތެކެވެ.

މި ބިލުގައި ވާގޮތުން އުޅަނދެއް ބޫޓްކުރާތާ 72 ގަޑިއިރު ތެރޭގައި ޖޫރިމަނާ ނުދައްކައިފި ނަމަ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭނެ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދަކާ އޭގެ ވެރިފަރާތުން ހަވާލު ނުވެ 1 މަސް ވެއްޖެ ނަމަ، އެ އުޅަނދުގެ މައުލޫމާތު ގެޒެޓްކޮށް ފުލުހުން އެކަން އާންމުކުރަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. އަދި އޭގެ ފަހުން 60 ދުވަހުގެ މުހުލަތެއް ވެރިފަރާތަށް ދޭން ޖެހެ އެވެ. އެ މުއްދަތުގައި އުޅަނދު ވެރިފަރާތުން ހަވާލު ނުވެއްޖެ ނަމަ، އުޅަނދު ނައްތާލުން ނުވަތަ ނީލަން ކިޔުމުގެ އިހްތިޔާރު އެ ގާނޫނުން ފުލުހުންނަށް ލިބެ އެވެ.

މި ބިލުގައިވާގިތުން ގަވައިދާ ހިލާފަށް ޕާކް ކުރާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250 ރުފިޔާ އިން ޖޫރިމަނާ ކޮށް ޑީމެރިޓް ޕޮއިންޓް އުޅަނދުގައި ހަރުކުރާނެ އެވެ. އަދި ކަފިހުރަހެއް މަތީ ޕާކްކުރާ ކޮންމެ ފަހަރަކު 1،000 ރުފިޔާ އިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ތަނެއްގައި ޕާކްކޮށްފި ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން ގާނޫނާއި ގަވައިދާ ހިލާފަށް އަމަލު ކުރުމުން ލައިސެންސްއިން ޕޮއިންޓް ޑީމެރިޓް ކުރަން ޖެހޭ ސިސްޓަމެއް ގާއިމްކޮށް ލައިސެންސްގައި، ގަަވައިދުގައި ބުނާ އަދަދުގެ ޑީމެރިޓް ރެކޯޑްކޮށްފި ނަމަ، ޑްރައިވާ އެޑިއުކޭޝަން ޕްރޮގްރާމް ފުރިހަމަކޮށް އެ ޕްރޮގްރާމް ފާސްވަންދެން އެ ފަރާތެއްގެ ލައިސެންސް ހިފެހެއްޓުމާއި ވަކި މުއްދަތަކަށް ލައިންސެންސް ބާތިލްކުރުމަށްވެސް މި ބިލުގައި ހިމަނާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *