ބޭސްފަރުވާގެ އެހީތެރިކަން ހޯދުމުގެ ނަމުގައި ސްކޭމްތައް ހިންގުން އިތުރުވެފައިވާތީ އެކަމަށް ސާމުލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ އެހީ ހޯދުމުގެ ނަމުގައި ހަގީގަތާއި ހިލާފް ޕޯސްޓްތައް ޖަހާ ފައިސާ ހޯދަމުންދާ މައްސަލަތައް އަންނަނީ އިތުރުވަމުން ކަމަށާއި އެހެންކމުން އެކަމުގައި އާންމުން ސަމާލުވެ ރައްކާތެރި ވުމަށްޓަކައި އެސެންޓަރުން ދީފައިވާ އިރުޗާދުތަކާއެއްގޮތަށް އަމަލުކުރުމަށެވެ.
އެގޮތުން މިފަދަ ޕޯސްޓްތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދާފައި ހުންނަނީ އެއީ ސްކޭމެއްކަން އެހެން މީހުން ބުނެދީފާނެތީ ކަމަށާއި، އެފަދަ ޕޯސްޓްތައި ހުންނަ ކޮންޓެކްޓް ނަމްބަރުތަކަކީ ގިނަފަރަށް ނުގުޅޭ ނަންބަރުތައް ކަމަށާއި، އަދި އެފަދަ ޕޯސްޓް ތަކުގައި ހުންނަ ފޮޓޯ ތަކަކީ މާކުރީގެ ފޮޓޯތައް ކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން ފައިސާ ފޮނުވުމުގެ ކުރިން ޕޯސްޓްގައިވާ ފޮޓޯއަކީ އެހެން ގައުމެއްގެ ނުވަތަ މާ ކުރީގެ ފޮޓޯއެއްތޯ ބެލުމަށް ގޫގުލް އިމޭޖެސް ބޭނުންކޮށްގެން ސާޗް ކުރުމަށް ވެސް ވަނީ އެދިފަ އެވެ. އަދި ފައިސާ ފޮނުވުމުގެ ކުރިން ދީފައިވާ ނަންބަރަށް ގުޅައި، އެއީ އެކައުންޓް ނަންބަރާ ގުޅުންހުރި މީހެއްތޯ ބެލުމަށް ވެސް ވަނީ އެދިފަ އެވެ.