ފުވައްމުލައް ދޫޑިގަން. ދުންފިނިގެ، 64 އަހަރުގެ ޢަބްދުލްޢަޒީޒު މުޙައްމަދު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު މަސައްކަތްކުރަނީ މުދާ އުފުލާ ދޯނިފަހަރުގައި ކަމާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
އަދި ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
އެހެންކަމުން ޢަބްދުލްޢަޒީޒު މުޙައްމަދު ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހައި ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ނަމަވެސް، މިހާތަނަ ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ޢަބްދުލްޢަޒީޒު މުޙައްމަދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.