ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2025 ވަނަ އަހަރު ރެކޯޑް މިންވަރަކަށް ފައިދާ ވެއްޖެ އެވެ.
އެ ބޭންކް ކުން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކާ ގުޅޭ މައުލޫމާތުގައި ވާގޮތުން 2025 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 828.7 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާއެކު ރެކޯޑް މާލީ ނަތީޖާއެއް އެ އަހަރު ވަނީ ހާސިލްކޮށްފިއެވެ.
އެގޮތުން 2025 ވަނަ އަހަރުގެ 4 ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އެ އަހަރުގެ 3 ވަނަ ކުއާޓަރއާ އަޅައިބަލާއިރު %76.2 ކުރިއެރުމެކެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ މާލީ ނަތީޖާތައް ދައްކާގޮތުން އެ ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %16.1 ގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10 އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު %15 ކުރިއެރުމެކެވެ.
އެ ބޭންކުން 2025 ވަނަ އަހަރު ވިޔަފާރިތަކާއި އާންމު ފަރުދުންނަށް 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައި ވާއިރު އެ ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
މި ކާމިޔާބީޔާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "2025 ވަނަ އަހަރު ކާމިޔާބު ކަމާއެކު ނިންމާލެވުނުކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ކުއާޓަރގެ ނަތީޖާއިން ދައްކުވައިދެނީ އެ ބޭންކުގެ އިސްތިރާޖީ އަމާޒަށް ވާސިލްވެފައިވާކަމަށާއި، އަދި އެބޭންކުގެ މުވައްޒަފުންނަށް ދޭ އަހުމިއްޔަތުކަން ކަމަށާއި، އަދިވެސް އިތުރަށް ވިދާޅުވެފައިވަނީ ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން، ބޭންކުގެ މާލީ ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކޮށް ވަރުގަދަ ބެލެންސް ޝީޓެއް ދެމެހެއްޓިފައިވާ ކަމަށާއި، އަދި ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން ދެމިތިބޭނެ ކަމަށެވެ.
2025 ވަނަ އަހަރު އެ ބޭންކުން ހާސިލްކޮސްފައިވާ އިތުރު ކާމިޔާބީ ތަކުގެ ތެރޭގައި މާލީ ދާއިރާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ޑިޖިޓަލް ކުރިއެރުންތަކާއި އެކު ގައުމީ ތަރައްގީގެ ރޮނގުން ބޭންކުން ވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައި ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
އެގޮތުން 'ގްރީން ރިސޯޓް ފައިނޭންސިންގ' ތައާރަފުކުރުމާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ގުޅިގެން %5 ގެ ކުޑަ ރޭޓެއްގައި 'ހިޔާވެހި ފައިނޭންސިންގ' ދޫކުރަން ފެށުމާއި ގެދޮރު ގަތުމަށް ދޫކުރާ ލޯނުތަކުގެ އިކުއިޓީ %5 އަށް ދަށްކުރުމުގެ އިތުރުން 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް' އުފެއްދުން ހިމެނެއެވެ.
އަދިވެސް އިތުރަށް އެ ބޭންކުން ވޭތިވެ ދިޔަ އަހަރު ހާސިލްކޮސްފައިވާ ކާމިޔާބީ ތަކުގެ ތެރޭގައި ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ރ. ދުވާފަރުގައި ބޭންކުގެ 40 ވަނަ ބްރާންޗް ހުޅުވައި، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއު ނިންމުމާއިއެކު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކުގެ ޚިދުމަތް ވަނީ ގާއިމުކޮށްފައި ކަމަށާއި، ޑިޖިޓަލް އަދި ޕޭމަންޓް ޚިދުމަތްތަކަށް އައި ކުރިއެރުންތަކުގެ ތެރޭގައި، ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، 'ސްވައިޕް' ޑިޖިޓަލް ވޮލެޓާއި، ވިސާ ޕްލެޓިނަމް ޑެބިޓް ކާޑާއި، ވިސާ އިންފިނިޓް ކްރެޑިޓް ކާޑުގެ އިތުރުން އިންޑިއަން ރޫޕީ އަދި ޗައިނީޒް ޔުއާން އެކައުންޓްތައް ތައާރަފުކުރުން ހިމެނެއެވެ.
އަދި ވިސާ، އެމެކްސް، އަލީޕޭ+، ވީޝިން ޕޭ، ޔޫނިއަންޕޭ އަދި މާސްޓަރކާޑާއެކު ވެވުނު ސްޓްރެޓިޖިކް ޕާޓްނަރޝިޕްތަކުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ނިޒާމު އިތުރަށް ވަރުގަދަވެގެންދިޔަ ކަމަށާއި، މީގެ އިތުރުން، ބީއެމްއެލް ސްޓޫޑަންޓް ކާޑާއި، މަސްވެރިންނަށް ފައިނޭންސް ކުރުމަށް 'މަސްވެރިޔާ ޕޯޓަލް' އާއި، ތިމާވެށި ހިމާޔަތްކުރުމަށް 'އީއެންވީ ޕީއޯއެސް' ޕްރޮޖެކްޓާއެކު އެމެކްސްއާއި ގުޅިގެން 'އެކްސްޕީރިއަންސް މޯލްޑިވްސް' ކެމްޕޭން ފެށުންވެސް މިދިޔަ އަހަރުގެ ކާމިޔާބީ ތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށް އެސްޑީއެފްސީ (މިހާރު އެސްއެމްއީ ޑިޖިޓަލް) ބޭންކުގެ ދަށަށް ގެނައުމާއި، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މާޗަންޓް ފީ %1 އަށް ކުޑަކުރުމުގެ އިތުރުން، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމާއި ޑިޖިޓަލް ބަދަލުތަކަށް ކުރި މަސައްކަތަށް 'ކޯރަސް' އަދި މާސްޓަރކާޑުން ވަނީ ބޭންކުގެ އަގު ވަޒަންކޮށް، އެވޯޑްތައްވެސް ލިބިފައި ވާ ކަމަށާއި، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.