ޖިންސީ ފުރައްސާރަ ކުރިކަމަށް ނިންމައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ، އިސްމާއިލް ސާޖިދު އެ މަގާމުން ވަކިކޮށްފި އެވެ.
ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާތީ އޭނބާ އެމަގާމުން ސަސްޕެންޑް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. އެއަށްފަހު ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން އެމްއެމްއޭ އިން އުފައްދާފައިވާ ކޮމިޓީން އެމައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ އޭނާގެ މައްޗަށް އެކަން ކުރިކަން ސާބިތުކުރެވޭ ކަމަށާއި އެކަމާ ގުޅިގެން އޭނާ އެ މަގާމުން ވަކިކުރަން ފެންނަ ކަމަށެވެ.
މީގެ ކުރިން އިސްމާއިލް ސާޖިދުވަނީ އޭނާ ސަސްޕެންޑު ކޮށްފައިވާކަން އެންގީ ކުއްލިގޮތަކަށް ސިޓީއަކުން ކަމަށް މައުލޫމާތު ދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.
ސާޖިދު އެ މަގާމަށް ހަމަޖައްސާފައިވަނީ އެމްއެމްއޭގެ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިންކަމަށްބުނެ އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ އަޝްރަފު އެ މަގާމުން ވަކިކޮށް، އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމަށްފަހު މި އަހަރުގެ އޯގަސްޓް މަހު އެވެ. ސާޖިދު އަކީ މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.