ސޯޝަލް މީޑިއާ ހެކުކޮށްގެން، ސްކޭމް ހިންގި މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލާގައި މީގެ ކުރިން ވަނީ 10 މީހަކު ހައްޔަރުކޮސްފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިތުރަށް ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ނާދީ، މުނާޛު ޖައުފަރު (24އ) އާއި ގދ. ގައްދޫ / އަތިރީއައްސޭރި، މުޙައްމަދު ނާއިޝް ނަބީލް (24އ) އާއި ސ. ހިތަދޫ / ހާލަމް، ޙަސަން ވިއާމް (19އ) ކަމަށެވޗެ.
މި މީހުން ހައްޔަރުކޮށްފައިވަނީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279600 އަށްވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ގޭންގު ކްރައިމްއާއި ތިނަދޫ ސިޓީ ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވެގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން މި 3 މީހުން ހައްޔަރުކޮސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުނާޛު ޖައުފަރު (24އ) 15 ދުވަހަށް، މުޙައްމަދު ނާއިޝް ނަބީލް (24އ) ހަތްދުވަހަށް އަދި ޙަސަން ވިއާމް (19އ) 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރި ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުޙައްމަދު ޢަލީ (42އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ ކުރިން ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ލ. އިސްދޫ / ގުޑްލައިފް، މުޙައްމަދު ޙަސަން (59އ) އާއި ސ. ހިތަދޫ / އުދަ، އަލީ ޢިރުފާނު އަޙްމަދުދީދީ (26އ) އާއި ސ. ހިތަދޫ / ނަންރީތިގެ، ޢަލީ ޝިރާޒު (38އ) އާއި ހދ. ވައިކަރަދޫ / ޕެރިމްރޯޒް، ޢަބްދުﷲ ނާފިޛް (39އ) އާއި ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުޙައްމަދު ޢަލީ (42އ) އާއި މ. މާލޭގެއާގެ / މާލެ، މުޙައްމަދު ނުހާދު ޢަލީ (30އ) އާއި ހއ. ކެލާ / ޕެނަމާ، މުޙައްމަދު ސިމާދު (38އ) އާއި ގދ. ފިޔޯރީ / ހީނާމާގެ، އަލީ އިމްރާން (38އ) އާއި ގދ. ތިނަދޫ / ގުލްބަކާގެ، ޢަބްދުﷲ އިސްރާޤް (19އ) އާއި ކ. ހިންމަފުށި / މެޑޯޒް، މުޙައްމަދު އިބްރާހީމް (49އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.