ތިލަފުށީގައި ބިދޭސީ މީހާ މަރުވީ ކުނިގޮނޑެއްގައި މަސައްކަތްކުރި ހައިމާކުންޖެހި ވެއްޓި އޭނާގެ ގައިމައްޗަށް ކުނިއެޅިގެން

ތިލަފުށީގައި ބިދޭސީ މީހާ މަރުވީ ކުނިގޮނޑުގައި މަސައްކަތްކުރި ހައިމާކުންޖެހި ވެއްޓި އޭނާގެ ގައިމައްޗަށް ކުނިއެޅިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައެވެ.

އަދި އިތުރަށް ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ސްރީލަންކާގެ 32 އަހަރުގެ މީހާ ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *