ކުޑަކުދިން ލައްވައި ކުށްކުރުވައިި ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތް: ޕޮލިސް ކޮމިޝަނަރ

ކުޑަކުދިން ލައްވައި ކުށްކުރުވައިި ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ކުޑަކުއްޖަކު ބޭނުންކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެނޫންވެސް ގާނޫނާ ޙިލާފު ކުއްކުރާކަމުގެ ތުހުަތުގައި 2 މީހަކު ބަންދުކޮށް އެމީހުންގެ ތަހުގީގު ހިނަގަމުންދާކަން އިއްޔެ ފުލުހުން ވަނީ ހާމަކޮށްްފައެވެ. ފުލުހުންގެ މީޑިއާއިން ހާމަކޮސްފައިވާ އެ މައުލޫމާތު ހިއްސާކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމަށެވެ.

އެގޮތުން ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ޚިދުމަތުން މިފަދަ މައްސަލަތައް ބަލައި، ކުށްވެރިންނަށް ޤާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެ ކަމަށާއި، މިއީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ ކަމެއް ކަމަށްވެސް ކޮމިޝަނާރ ވިދާޅުވެފައި ވެއެވެ.

އަދިއެކަމަކީ އެންމެންގެ އިޖުތިމާއީ ޒިންމާއެއް ކަމަށްވިދާޅުވެ ކޮމިޝަނަރ އިތުރަށް ވިދާޅުވެފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ގޮވާލައި، މިފަދަ އަމަލުތައް ރާވައި ހިންގާ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރުގެ ނަންބަރު 911 އަށް ގުޅުއްވައި ހިއްސާކުރުމަށްވެސް ވަނީ އިލްތިމާސްކޮސްފައެވެ.

އިއްޔެ ފުލުހުން ބުނީ ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން މި މަހުގެ އެއްވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) ހައްޔަރުކޮސްފައިވާ ކަމަށާއި އަދި އެ 2 މީހުން އެމައްސަލާގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮސްފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނެފައިވަނީ މި މައްސަލާގައި އެކްސްޕްލޮއިޓް ކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށާއި، ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *