ދިވެހި ކޮންމެ ރައްޔިތަކު ހިއްސާ އޮންނަ ގޮތަށް 10 ރިސޯޓް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ 2030 ވަނަ އަހަރުން ފެށިގެން ދިވެހި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ރިސޯޓް ހިއްސާގެ ގޮތުގައި 400 ޑޮލަރު ޖަމާކުރަން ފެށޭނެކަމަށާއި، އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާގޮތެއްގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޖީބަށް ވަންނާނެ ގޮތް ހެދުމަށްޓަކައި، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން ދިވެހި އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކީ މި ރިސޯޓުތަކުގެ ހިއްސާދާރަކަށް ވާނެކަން ވަކި ގާނޫނަކުން ކަނޑައަޅާނެ ކަމަށާއި، އަދި މި ރިސޯޓުތަކުން ލިބޭ އާމްދަނީގެ ބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއް ފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 54 އަހަރު ވެފައިވާއިރު، މި ސިނާއަތުން ލިބޭ ނަފާ ރައްޔިތުންގެ ޖީބަށް ސީދާގޮތެއްގައި ވަންނާނެ މަގެއް މިހާތަނަށް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ކަމަށާއި، އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރާ ސިނާއަތް ކަމަށްވާއިރު، އެ ވަސީލަތްތަކުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުން ކަމަށެވެ.