މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ފުވައްމުލައް ސިޓީން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އެ ރަށު މަގުމަތިން ޏ. ފުވައްމުލައް / މިސްކިތްމަގު. ނިރިހާ، ޙުސައިން ސައިފު (33އ) ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާތީ އޭނާ ހައްޔަރުކޮސްފައިވާ ކަމަށެވެ.
އަދި ފުވައްމުލައް ސިޓީއާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތާ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ފުވައްމުލަކު މަގުމަތިން ޏ. ފުވައްމުލައް / ފުނާޑު. އެލީނާ، މުޙައްމަދު މޫސާ (72އ) ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބަރުދަނުގައި 50.35 ގަރާމް ހުރި ރަބަރު ގަނޑެއް ފެނިފައިވާއީ އޭނާވެސް ހައްޔަރުކޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ސައިފު 15 ދުވަހަށް އަދި މުޙައްމަދު މޫސާ 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.