ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭސް 4 މަސްތެރޭ ލިބޭ ޕްރޮޑަކްޓްތަކެއް އެސްއެމްއީ ޑިޖިޓަލް އިން ތަޢާރަފް ކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށްފަހު، ކުންފުނި ރީބްރޭންޑްކޮށް، ހަތަރު މަސް ދުވަހުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ޕްރޮޑަކްޓްތައް ވަނީ ތައާރަފުކޮށްފައެވެ.
އެގޮތުން އެ ބޭންކުން ބުނީ ގޭތެރޭގައި ކުރާ ކުދި މަސައްކަތްތަކުން ފެށިގެން ފުޅާވަމުން އަންނަ ގެސްޓްހައުސްތަކާއި، އަންހެން ވިޔަފާރިވެރިންގެ ހީވާގި މަސައްކަތްތަކަކީ ގައުމުގެ ކުރިއެރުމާ ގުޅިފައިވާ މުހިންމު ދާއިރާތަކެ ނަމަވެސް، މިފަދަ ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ފުޅާކުރުމަށް އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އެކަށީގެންވާ ވަގުތުގައި އަދި ލުއި ގޮތެއްގައި ނުލިބުން ކަމަށެވެ.
އެހެންކަމުން އެކަމަށް ހައްލު ހޯދައިދިނުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އިން ވަނީ ޝަރީއާ ހަމަތަކަށް ފެތޭ ފުރިހަމަ ފައިނޭންސިންގ ނިޒާމެއް ބިނާކޮށްފައި ކަމަށާއި، މިއީ ވިޔަފާރި ފަށާ މަރުހަލާއިން ފެށިގެން ފުޅާކުރުމާ ހަމައަށް، ކޮންމެ މަރުހަލާއެއްގައިވާ ވިޔަފާރިތަކަށް އެހީތެރިވެދީ، އުންމީދީ އެއްވެސް ވިޔަފާރި ހިޔާލެއް ބާކީނުވާނެކަން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
އެގޮތުން އެބޭންކުންތަޢާރަފް ކޮސްފައިވާ ޕްރޮޑަކްޓް ތަކުގެ ތެރޭގައި
- އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި ކުދި މަސައްކަތްތަކަށް، 100،000 ރުފިޔާއާ ހަމައަށް ފަސޭހައިން ލިބޭ ފައިނޭންސިންގ އެހީގައި އާ ހިޔާލުތައް އާމްދަނީ ލިބޭ ވިޔަފާރިތަކަށް ބަދަލުކޮށްދެއެވެ.
- އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ހާއްސަ އިސްކަމެއް ދީގެން، ރަހުނަކާނުލާ 250،000 ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
- ވިޔަފާރި ފުޅާކުރުމަށާއި ހަރުމުދާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރާއިރު، މީގެ ތެރެއިން 1 މިލިއަން ރުފިޔާއާ ހަމައަށް ރަހުނަކާނުލާ ފައިނޭންސް ލިބެއެވެ.
- ކަނޑުއުޅަނދުފަހަރު ބަނުމަށާއި ގަތުމަށް ހާއްސަ 'ވެސަލް ފައިނޭންސިންގ' ގެ ދަށުން 5 މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.
- ޒަމާނީ ޑިޖިޓަލް އިގްތިސާދަށް އަމާޒުކޮށް، ކޮންޓެންޓް ކްރިއޭޓަރުންނާއި ފޮޓޯގްރާފަރުންނަށް ބޭނުންވާ ސާމާނު ހޯދުމަށް 500،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ހާއްސަ ފައިނޭންސްއެއްވެސް ވަނީ ތައާރަފުކޮށްފައެވެ. މީގެ ތެރެއިން 150،000 ރުފިޔާއާ ހަމައަށް އެއްވެސް ރަހުނަކާ ނުލައި ފައިސާ ލިބޭނެއެވެ.
- ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އިން ވަނީ އެހީތެރިކަން އިތުރުކޮށްފައެވެ. މިގޮތުން 6 ކޮޓަރިއަށް ވުރެ ގިނަ ގެސްޓްހައުސްތައް ތަރައްގީކުރުމަށާއި ފުޅާކުރުމަށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ. މީގެ އިތުރުން، ގިނަވެގެން 5 ކޮޓަރީގެ ހޯމްސްޓޭ ނުވަތަ ކުދި ގެސްޓްހައުސްތައް އަލަށް ފަށާ ފަރާތްތަކަށާއި މިހާރު ހިންގާ ކުދި ވިޔަފާރިތަކަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ފާހަގަކުރެއްވި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު މަގްސަދަކީ ކޮންމެ ފަންތިއެއްގެ ކުދި ވިޔަފާރިއަކަށްވެސް އެ ވިޔަފާރިއަކާ ގުޅޭ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
އެއާއެކު ގޭގައި ކުރާ މަސައްކަތްތަކުން ފެށިގެން ބޮޑެތި އިންވެސްޓްމަންޓްތަކާ ހަމައަށް އެކަށީގެންވާ ހައްލުތަކެއް ހޯދައިދިނުމަކީ އެ ބޭންކުގެ އަމާޒެކެވެ. މިހާރު ތައާރަފުކޮށްފައިވާ ޝަރީއާގެ ހަމަތަކަށް ފެތޭ ފެސިލިޓީތަކުގެ ސަބަބުން ވިޔަފާރިތަކަށް އިތުބާރާއެކު ކުރިއަށް ދެވޭނެ ކަމަށާއި، މީގެ ސަބަބުން ގައުމުގެ އިގްތިސާދު ވަރުގަދަވެ، އިގްތިސާދަށް ކުރިއެރުން ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް އެތައް ހާސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކަށް މި މުއައްސަސާގެ ފަރާތުން ވަނީ އެހީތެރިކަން ދީފައެވެ. ރާއްޖޭގެ އިގްތިސާދު ތަރައްގީވަމުން އަންނައިރު، މިއީ ހުރިހާ ފަރާތްތަކަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ، އިގްތިސާދީ ހަރަކާތްތަކުގައި އެންމެން ބައިވެރިކުރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ވިޔަފާރިވެރިންނަށް ބޭނުންވާ ހުރިހާ މާލީ ހިދުމަތްތަކެއް www.smedigital.mv ވެބްސައިޓް މެދުވެރިކޮށް ފަސޭހައިން ބަލައިލެވޭނެއެވެ. އަދި، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް މި ފައިނޭންސިންގތަކަށް އެދި ހުށަހެޅޭނެއެވެ.