މާލޭގެ ކަނޑުތޮށި މަރާތުކުރުމަށް ޖަޕާނުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއު ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ކުރިއށްގެންދާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ މަސައްކަތް ހަވާލުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމު މުހައްމަދެވެ. އަދި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިޒާވާ ކަން އެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން، ކާރިސާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތްވުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ފުރަތަ ފިޔަވަހީގެ ދަށުން މާލޭގެ އިރުމަތީ ފަރާތުން ރާޅުގަނޑު ސަރަހައްދާއި އުތުރު ފަރާތުން ކާނިވާ ސަރަހައްދާއި ސަލްމާން މިސްކިތާ ދިމާލު ބޭރުން ކާނިވާ ސަރަހައްދާ ހަމައަށް ތަރައްގީކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްްފައިވަނީ 70.8 މިލިއަން ރުފިޔާ އަށް އެއް އަހަރާއި ހަތަރު މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.