ކައްކާ ގޭސް ލިބުމުގައި ދިމާވި ދަތިތައް ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ޚިދުމަތް ދޭން ފަށައިފި

ކައްކާ ގޭހުގެ ސަޕްލައި އަށް ދިމާވި މައްސަލަ ޙައްލުކޮށް، ކުރިއެކޭ އެއްގޮތަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގޭސް ވިއްކަން ފަށައިފި އެވެ.

ދުނިޔޭގެ ސަރަޙައްދީ ބާޒާރުގެ ސަޕްލައި އަށް އައި ބަދަލުތަކަކާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު ދާދިފަހުން ވަނީ 7 ކިލޯގެ ގޭސްފުޅި ވިއްކާފައެވެ. މިއީ ސަޕްލައިއަށް އައި ލޮޅުންތަކާ ގުޅިގެން ކަސްޓަމަރުންނަށް ދަތިނުވާނެހެން އެޅި ފިޔަވަޅަކަށްވާއިރު، ގޭހުގެ ސްޓޮކް ޢިޔާދަކޮށް، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށާފައިވާކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަހަކީ ކެއްކުމާއި ކެއިންބުއިމުގެ ކަންކަމުގައި ޚާއްޞަ މަހަކަށްވާއިރު، މިއީ ކައްކާ ގޭހަށް އޮންނަ ޑިމާންޑު ވެސް އިތުރުވާ މަހެކެވެ. މިކަމާއި ގުޅިގެން އެސްޓީއޯ އިން ވިދާޅުވީ، ރަމަޟާން މަހު ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ދިނުމަށް މޯލްޑިވްސް ގޭހުން އެ މަހަށް ތައްޔާރުވުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަބަދުވެސް ކުރަމުންދާނެކަމުގެ ޔަޤީންކަން އެސްޓީއޯ އިން ވަނީ ދެއްވާފައެވެ.

ކައްކާ ގޭސް ދަތިތަކެއް ނުވެ ލިބޭނެކަމުގެ ޔަޤީންކަން އެސްޓީއޯއިން ދީފައިވާއިރު، އަސާސީ ކާބޯތަކެތި ވެސް ރޯދަމަހުގެ ތެރޭގައި ހެޔޮ އަގެއްގައި ލިބޭނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *