އިންތިހާބުތައް އެއްކޮށްލުމަކީ ރާއްޖެއަށް އަބަދުވެސް އެންމެ ފައިދާ ބޮޑު ގޮތް، އެމްޑީޕީންވެސް އޭރު މިވާހަކަ މާފުޅާކޮށް ދެއްކި!

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ؛ އެމަނިކުފާނަށް އެންމެ ރަނގަޅީ ތިން އިންތިހާބު އެކުއެކީގައި ބޭއްވުމެވެ. އެއީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބެވެ. މިހާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މައިގަނޑު ދެ އިންތިހާބު އެއްކޮށްލުމަށެވެ. އެއީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެމަނިކުފާނު އޭގެ ސަބަބުތައް ކަމުގައި ވިދާޅުވަމުން ގެންދަވަނީ ވެސް އިދިކޮޅު އެމްޑީޕީ އާއި އެޕާޓީގެ ލީޑަޝިޕުން ކުރިން ތަކުރާރުކޮށް ދައްކާފައިވާ ވާހަކަތަކެވެ.

އެހެންނަމަވެސް އެމްޑީޕީން މިހާރު އެވާހަކަތައް ހަނދާން ނައްތާލައިފިއެވެ. ދެ އިންތިހާބު އެއްކޮށްލަން އެމީހުން މިހާރު ދެކޮޅެވެ. އެއީ އެޕާޓީގެ ޕޮޕިއުލަރިޓީ ދަށަށް ދިއުމާއި ސަރުކާރު ހިންގާ ޕާޓީއަށް އޮންނަ އެޑްވާންޓޭޖް އޭގެ އެންމެ ފުރިހަމައަށް ޕީއެންސީން ނަގަމުން ގެންދާތީއެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް، އެއްފަހަރާ ބޭއްވުމަކީ ވަރަށްގިނަ ގޮތް ގޮތުން ފައިދާ ހުރިކަމެކެވެ. މިގޮތުން، ހެޔޮވެރިކަމުގެ މަގު އަލިވެ، ހަރަދުބަރަދުގެ ގޮތުން ދައުލަތުގެ ބަޖެޓަށް ލުއި ލިބިގެންދެއެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 80–120 މިލިއަން ރުފިޔާ ސަލާމަތް ވެގެން ދެއެވެ.

ރާއްޖެ ކަހަލަ ވަސީލަތްތައް މަދު ކުޑަ ގައުމެއްގައި ގިނަގިނައިން އިންތިހާބުތައް ބޭއްވުމަކީ ތަރައްގީ މަޑުޖެހިގެންދާ ކަމެކެވެ. މިސާލަކަށް؛ މޮޑެލް ކޯޑް އޮފް ކޮންޑަކްޓް (އެމްސީސީ) އެއް އެކުލަވާލެވިފައި އޮންނަ ހާލަތުގައި، އިންތިހާބުތަކާއި ކައިރިވުމުން ސަރުކާރުން ތަރައްގީގެ އާ މަޝްރޫއުތައް ފެށުމަށް ނުވަތަ ސިޔާސަތުތައް އިއުލާން ކުރުމަށް ހުރަސް އެޅެ އެވެ. އެހެންކަމުން، ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ތަރައްގީއަށް ފޯކަސްކޮށްގެން ވެރިކަން ހިންގުމުގެ ފުރުސަތު ސަރުކާރަށް ފަހިވެގެންދާ ކަމެކެވެ.

ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ވޯޓުލާ މީހުންނަށް ވެސް ލިބިގެންދާ ލުއިއެކެވެ. އަދި މި ލުއިގެ ސަބަބުން ވޯޓުލާން ނިކުންނަ މީހުން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ހާސިލު ކުރުމަށް މަގުފަހިވެގެން ދެއެވެ.

ސިޔާސީ އަދި ސިޔާސަތުގެ ހަމަޖެހުމަކީ ހެޔޮވެރިކަމެއް ހިންގުމަށް ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، ސަރުކާރު ހިންގާ ބާރު (އެގްޒެކެޓިވް) އާއި ރައްޔިތުންގެ މަޖިލިސް (ލެޖިސްލޭޓިވް) އާއި ދެމެދު އޮންނަ ސިޔާސީ ނުތަނަވަސްކަން ކުޑަކޮށް، މަރުތަޅު އެޅުވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. މީގެ ނަތީޖާއަކަށް ވާނީ ސިޔާސީ ހަމަޖެހުން ގާއިމުވެ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަގުފަހިވެގެން ދިޔުމެވެ.

ދެ އިންތިހާބު އެކުގައި ބޭއްވުމުން ލިބޭނެ ގެއްލުމާއި ފައިދާ ވަޒަންކޮށް، އަޅާކިޔުމުން ދެ އިންތިހާބު އެކުގައި ބޭއްވުމަކީ އެކަމުގެ ސަބަބުން ހެޔޮވެރިކަން ކުރުމަށާއި، ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށާއި، ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށް މަގުފަހިވެގެންދާ ކަމެކެވެ. އަދި ގެއްލުމަށްވުރެ ފައިދާ ބޮޑު ނަމަ އެގޮތުގައި ހިފުމަކީ ދީނީ އަދި ދުނިޔެވީގޮތުން ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތެވެ.

އެމްޑީޕީންވެސް އޭރު ދެއްކީ މިވާހަކަތަކެވެ. ޚާއްސަކޮށް ރައީސް މުޙައްމަދު ނަޝީދު އާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުވެސް ވަރަށް ފާޅުގައި އިންތިހާބުތައް އެއްކޮށްލުމަށް ބާރު އަޅުއްވައި، ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އޭރު އެމްޑީޕީއަށް އެކަން ނުކުރެވުނީ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި އެތެރޭގެ ފެކްޝަންތައް ގިނަވެ، ރައްޔިތުންގެ މަޖިލީހުގައި ވެސް ފާޅުގައި ފެކްޝަންތައް ހަރަކާތްތެރިވާން ފެށުމެވެ. އެހެން ނޫންނަމަ ރައީސް ޑރ. މުހައްމަދު މުޢިއްޒަށްވުރެ ކުރިން އެމްޑީޕީން އޮންނާނީ އިންތިހާބުތައް އެއްކޮށްލާފައެވެ. މިހާރު އެޕާޓީން އެކަމާ ދެކޮޅުވަނީ ސިޔާސީ ޕްރެޝަރެއް ސަރުކާރަށް ދިނުމުގެ ވިސްނުން އިސްކޮށްގެންނެވެ. ހަގީގަތުގައި އެމީހުންވެސް، ދެ އިންތިހާބު އެކުގައި ބޭއްވުމަށް ހިތާހިތުން ރުހެއެވެ. ރުހޭނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *