ލިވަޕޫލްގެ ފޯވާޑު ސަލާހް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ލިވަޕޫލްގެ ފޯވާޑު ސަލާހް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސަލާހު ކޮވިޑަށް ޕޮޒިޓިވްވީ އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ޓޯގޯއާ ދެކޮޅަށް ކުޅުމަށް މިސްރުގެ ގައުމީ ޓީމާއެކު ހުއްޓައެވެ.

ސަލާހު ފައްސިވިކަން ހާމަކޮށް މިސްރުގެ ފުޓުބޯޅަ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޓީމުގެ ކުޅުންތެރިން ހެދި ޓެސްޓުތަކުން ސަލާހު ފައްސިވެފައިވާ ކަމަށާއި އޭނާގެ ކިބައިން އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށެވެ. އަދި މިވަގުތު އޭނާ އައިސޮލޭޝަން އަށް ގެންދިއުމަށް މަސައްްކަތް ކުރަމުންދާކަމަށް މިސްރުގެ ޤައުމީ ޓީމުން ބުނެއެވެ.

އިންޓަރނޭޝަނަލް ބްރޭކަށްފަހު އެންމެ އަވަހަށް ލިވަޕޫލް ދެން މެޗެއް ކުޅޭނީ ނޮވެމްބަރު 21 ގައެވެ. ޕްރިމިއަރ ލީގު އަލުން ފަށާއިރު ސަލާހް އަށް ކުޅުމުގެ ފުރުސަތު ނޯންނާނެއެވެ. މީގެކުރިން އެޓީމުގެ ތިން ކުޅުންތެރިން ކަމުގައިވާ ސާޑިއޯ މާނޭއާއި، ތިއާގޯ އަލްކަންޓާރާގެ އިތުރުން ޝަޤީރީވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ސަލާހު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި މިވަނީ ލިވަޕޫލަށް އަނިޔާގެ މައްސަލަތައް އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މިހާރުވެސް ޓީމުގެ ފުރަތަމަ 11 ގައި ގަވާއިދުން ކުޅޭ ކުޅުންތެރިން ކަމުގައިވާ، ވެންޑައިކް، ތިއާގޯ، ފަބީނިއޯގެ އިތުރުން އާނޯލްޑްވެސް ހުރީ އަނިޔާގައެވެ.

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އިއްޔެ އިންގްލޭންޑާއިި އަޔަލޭންޑް މެޗުގައި ކުޅުނު އެލަން ބްރައުނީ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭނާ ފައްސިވިކަން އެނގުނީ މެޗް ނިމުނު ފަހުންނެވެ. އަދި ކްރޮއޭޝިއާ ތުރުކީ ބައްދަލުކުރި މެޗްގައި ކުރޮއޭޝިއާގެ ކެޕްޓަން ވިޑާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މެޗްގެ ހާފް ޓައިމްގައެވެ.

މީގެ ކުރިން ވެސް ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި، ބްރެޒިލްގެ ތަރި ނޭމާގެ އިތުރުން ފްރާންސްގެ ތަރި އެމްބާޕޭ ފަދަ ކުޅުންތެރިން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *