މެދުއިރުމަތީގަ ކުރިއަށްދާ ހަނގުރަމައާއި ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވިދާޅުވީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ އާއި ގުޅިގެން ތެލުގެ އަގުތަކަށް ބަދަލުއައި ނަމަވެސް ރާއްޖޭގެ ތެލުގެ ސްޓޮކްގައި މައްސަލައެއް ނެތްކަމަށާއި، މިހާރުވެސް ތެލުގެ އާ ސްޓޮކެއް ރާއްޖެއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ބައިނަލްއަގުވާމީ މާކެޓުތަކުގައި ތެލުގެ އަގު 25 އިންސައްތަ އާއި 30 އިންސައްތަ އާއި ދެމެދަށް މިހާރު ވަނީ އުފުލިފައި ކަމަށާއި އެހެންކަމުން އެކަމުގެ އަސަރު ރާއްޖޭގެ އިގްތިސާދަށްވެސް ކުރަން ފަށާފައިވާ ކަމަށާއި، އެހެންކަމުން ތަކެތީގެ އަގަށް ބަދަލު އަންނަމުންދާތީ އެކަންހައްލުކުރުމަށް މިހާރުވެސް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.
"އިއްޔެ ރައީސް ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންނަށް އަދި އެއްވެސް ކަންބޮޑުވުމެއް ނެތް ކުރުކޮށް ދަންނަވާ ނަމަ ތެލަކަށް ނުޖެހޭނެ، އިރާދަކުރެއްވިއްޔާ. އެލްޕީޖީ ވެސް އަދި ތެޔޮ ވެސް ހިމަނައިގެން މި ދެންނެވީ." އޮކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ އާބާދީ ވެސް އިތުރުވަމުން އަންނައިރު އެ ހުރިހާ އެންމެންނަށް ކޭޓާ ކުރެވޭ ވަރަށް ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއަށް މުދާ ގެންނަން އިތުރު ރޫޓުތައް ވެސް ބަލަމުން އަންނަ ކަމަށެވެ.