ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށްވުރެ ބޮޑަށް ލާމަރުކަޒީ ނިޒާމު ދެނެވަޑައިގަންނަަވާ ބޭފުޅަކު ސިޔާސީ ލީޑަރަކު ނުހުންނަވާނެ ކަމަށް ފައިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނު ދާއިރާގައި ޕީއެންސީން މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ޒަމީރު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް ހިދުމަތްކުރަން އެ ޕާޓީއަށް ލިބޭ ފުރުސަތުތަކުގައި އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ހިދުމަތްކޮށްދެވިފައިވާ ޕާޓީއެއް ނޫން ކަމަށެވެ.
އެގޮތުން 2013 އިން 2018 އަށް އޮތް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ނިޒާމުގެ ކަންކަން ރަނގަޅުކުރެވިފައި އޮއްވައި 2018 ގައި އެމްޑީޕީން ވެރިކަމަށް އައިސް އަނެއްކާވެސް ރާއްޖޭގެ ކަންކަން ފަހަތަށް ސޮއްސާލައި ވަރަށް ގިނަ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށެވެ.
ނަމަވެސް ރައީސް މުޢިއްޒަކީ ރާއްޖޭގެ ހަޔާތުގައި ރައްޔިތުންގެ ތަރައްގީއަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެންމެ ގިނަ މަސައްކަތްކުރެއްވި އަދި އެންމެ ތަޖުރިބާކާރުވެސް ބޭފުޅާ ކަމަށާއި، ރާއްޖޭގެ އެންމެ ބޮޑު ސިޓީގެ މޭޔަރުކަން ކުރައްވައި، އެހާ ގިނަ ހިދުމަތްތަކެއް ދެއްވައި މާލެ ސިޓީގެ ކަންކަން އެހާ ރަނގަޅަށް ބެލެހެއްޓެވީ ރައީސް ޑރ މުއިއްޒު ލާމަރުކަޒީ ނިޒާމު ދެނެވަޑައިގަންނަވާތީ ކަމަށެވެ.
އަދި ސީދާ ރައްޔިތުންނާ ގާތަށް ވަޑައިގެން ސީދާ ރައްޔިތުންގެ ބަސް އެއްވެސް ލީޑަރަކަށް އަހަން ނުކެރޭ ކަމަށާއި ނަމަވެސް ރައީސް ޑރ މުއިއްޒުވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ގާތަށް ޥަޑައިގެން ހުރިހާ ރައްޔިތުންގެ ބަސް އައްސަވައި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިޅުވައި އެކަންކަން ކޮށްދެއްވަމުން ކަމަށެވެ.
ނަމަވެސް އެއާ ހިޅާފަށް އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ބައެއް ކައުންސިލުތަކުންވެސް ކުރާ ކަމަކީ ސިޔާސީ ވިސްނުމުގައި ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ ކަންކަމަށް ހުރަސްއެޅުމަށް ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދަޅުވި އެވެ.