ސްޓޫޑެންޓް ލޯނަށް އެޕްލައިކުރުމުގައި ޑެޑްލައިންއެއް ނުބޭއްވުމަށް ނިންމާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ ހައިދަރު ވިދާޅުވީ ވަކި މުއްދަތެއް ކަނޑައަޅައި ސްޓޫޑެންޓް ލޯނަށް އެދެން ހުޅުވާލުމުން ބައެއް ދަރިވަރުންނަށް ފުރުސަތު ގެއްލޭ މައްސަލަ ހައްލުކުރަން މުޅި އަހަރު ތެރޭގައި ލޯނަށް ހުށަހެޅުމުގެ ފުރުސަތު ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށޭވެ.
އެގޮތުން މި ރަމަޟާން މަހުގެ ފަހު 10 ގެ ޗުއްޓީއަށްފަހު ލޯނު ސްކީމަށް ހުޅުވާލަން ނިންމާފައިވާ ކަމަށާއި އަދި ލޯނު ސްކީމުތަކަކީ ޝަރީއާ ކޮމްޕްލަޔަންޓް ލޯނުތަކެއްގެ ގޮތުގައިވެސް މިހާރު ހަމަޖައްސަވާފައިވާނެ ކަމަށްވެސް މިނިސްޓަރ ހައިދަރު ވިދާޅުވި އެވެ.
އަދި މީގެ އިތުރުން މިފަހަރު ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި ލޯނަށް އެދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތަފަތުކޮށްފައިވާނެ ކަމަށާއި މުޅި އަހަރަށް ހުޅުވާލާފައި އޮތުމުން، ލޯނަށް އެދޭއިރު އެމްކިޔުއޭގެ ލިޔުމާއި ހުއްދަދޭ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުންވެސް ހުށަހެޅުމަށް ފަސޭހަވެގެންދާއިރު ލޯނަށް އެދި ހުށަހަޅާއިރު ފީ ސްޓްރަކްޗާއެއް ތައްޔާރުކޮށްފައި އޮންނަންޖެހޭނެ ކަމަށްވެސް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.