އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ޕްރޮގްރާމެއް އިއުލާނުކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީން ގެޒެޓް ކޮށްފައިވ އެ ޕްރޮގްރާމުގެ އުސޫލާއެކު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި އުޞޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 8 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
މި ސަރުކާރުން ކުރިއަށްގެންދާ އެންމެނަށް ބޯހިޔާވަހިކަން ޕްރޮިގްރާމުގެ ދަށުން މިހާތަނަށް ފުލެޓަށް އެދި 3396 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި 2513 އެޕްލިކޭޝަން އަދި ހިޔާ ފުލެޓް ދޫކޮށްލުކުމަށްފަހު ބޯހިޔާވަހިކަން ހޯދުމަށް 953 އެޕްލިކޭޝަން މިހާތަނަށް ހުށަހަޅާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.
އަދި ފޯމު ހުށަހެޅުމުގެ އެކި މަރުހަލާތަކުގައިއާއި މިހާތަނަށް ހުށަހަޅާފައިވާ ފޯމުތައް ހިމެނޭޙެން ޖުމްލަ 18،399 އެޕްލިކޭޝަނެއް އޮތް ކަމަށްވެސް ޑރ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މި ސްކީމަށް ގިނަ އަދަދެއް ފަރާތްތައް ކުރިމަތިލަމުންދާއިރު ޖުމްލަ 20،000 އަށް ވުރެ ގިނަ އެޕްލިކޭޝަން މި ސްކީމްތަކަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމުގެ ދަށުން ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް އަދި 15000 ގޯތި ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.