ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާމީހުންނަށް މަރުގެ އަދަބު ދެވޭ ޤާނޫނަށް އިއްޔެއިންް ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށާއި މަސްތުވާތަކެތީގެ ބައެއް ކުށްތަކުގެ އަދަބު ހަރުކަށިކޮށް ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމެނޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ 2024 ވަނަ އަހަރު ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮސްފައިވާ އިސްލާހެކެވެ.
އެއަށްފަހު އެއިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވަނީ 2025 ޑިސެމްބަރ 6 ވަނަ ދުވަހު އެވެ. އަދި އެއިސްލާހުގައިވާގޮތުން އެ އިސްލާހަށް އަމަލުކުރަންފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައިޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައިވާގޮތުން މއެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ، 350 (ތިންސަތޭކަފަންސާސް) ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައިވާނަމަ ނުވަތަ އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ، 250 (ދުއިސައްތަފަންސާސް) ގްރާމަށްވުރެ އިތުރު ޢަދަދެއްގެ ޑައިމޯފިން، ކަމުގައިވާނަމަ ނުވަތަ ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޤާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއްނަމަ، ނުވަތަ 100 (ސަތޭކަ) ގްރާމަށްވުރެ އިތުރު ޢަދަދެއްކަމުގައި ވުމާއެކު އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެމީހަކު ދިވެހިރާއްޖެއަށް އެތެރެވިއިރު، އެތެރެކުރި އެއްޗަކަށްވާނަމަ އަދި ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ، މަރުގެ އަދަބު ކަނޑައެޅިދާނެ ކަމަށް ބުނެފައި ވެއެވެ.
އަދި މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓަކުން އަލުން ބަލަންވާނެކަމަށާއި، އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން އެގޮތުގެމަތިން ޙުކުމް ކުރުމުންކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން ޢުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މަޢާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.