ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ކައުންސިލްގެ މެޖޯރިޓީ އޮތްއިރު އެމްޑީޕީއަށް އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކޮށެއް ނުދެވުނު: ރައީސް

ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮތްއިރު އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކޮށެދެވިފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންސީ)ގެ "ދަ ގްރޭޓާ އައްޑޫ"ގެ ތަސައްވުރު ނުވަތަ މެނިފެންޓޯ އިފްތިތާހު ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ސަރުކާރާ އެއް ވިސްނުމެއްގައި ހިންގާ ސިޓީ ކައުންސިލެއް އައްޑޫގައި ނެތް ނަމަ އެ ސިޓީގެ ތަރައްގީ އަށް ސަރުކާރުން ރާވާފައި ހުރި މުހިންމު މަޝްރޫއުތައް ވަރަށް ފަސޭހައިން ހުއްޓުވައިލުމުގެ މަގު ހުޅުވިގެން ދާނެ ކަމަށެވެ.

އަދި ކަރަންޓުގެ މައްސަލައަކީ މިދިޔަ އެތައް ސަރުކާރަކަށް ހައްލު ނުވެ އޮތް މައްސަލައެއް ކަމަށާއި އެ ގޮތުން ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮތްއިރު އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކޮށެދެވިފައިނުވާކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭން އުޅޭއިރު ދަތަިތައް މިހާރުވެސް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ސަރުކާރާ އެއް ވިސްނުމުގެ ކައުންސިލެއް ހުރިހާ ރަށެއްގައި ވެސް އޮންނަން ޖެހެނީ އެ ހުރަސްތައް ކުޑަކުރުމަށެވެ.

ލާމަރުކަޒީ ނިޒާމުގައި ކައުންސިލްތަކަކީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް ދީފައި އޮންނަ ބައެއް ކަމަށާއި، އެ ބާރުތައް ބޭނުންކޮށްގެން ވަރަށް ގިނަ ކަންކަން ހުއްޓުވޭނެ ކަމަށާއި، ހުރަސްތައް ކުރިމަތި ކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ސިޔާސީ ވިސްނުމުގައި، ސަރުކާރާ ދެކޮޅު ސިޔާސީ ވިސްނުމުގެ ބަޔަކަށް އައްޑޫ ސިޓީގެ މެޖޯރިޓީ ނޫނީ މޭޔަރުގެ މަގާމު ފަދަ މުހިންމު މަގާމުތައް ދީފިކަމުގައި ވާ ނަމަ، އެ ބާރުތައް ބޭނުންކޮށްގެން ކޮށްލާ ކުޑަކުޑަ ކަމަކުން އެތައް މަހެއް ފަހަތަށް ޖައްސާލެވޭނެ ކަމަށެވެ.

އެހެންކަމުން އެ ފަދަ ކަމެއް ވުމުގެ ފުރުސަތު ހައެއްވެސް ފަރާތަކުން ނުދިނުމަށް ރައީސް ވަނީ ރޭގެ ޖަލްސާގައި އިލްތިމާސް ކުރައވާފައެވެ. އަދި ކައުންސިލް އިންތިހާބަކީ އާއިލާތަކުގެ މެދުގައި ވަރަށް ބޮޑަށް، އާއިލީ ވިސްނުމުގައި ވޯޓު ދޭ އިންތިހާބަކަށް ވީ ނަމަވެސް، މުޅި ސިޓީ ނޫނީ މުޅި ރަށުގެ ތަރައްގީ އަށް އިސްކުރަން ޖެހޭ ކަމަށާއި، ކޮންމެ މީހެއްގެ ޒިންމާއަކަށް ވާން ޖެހޭނީ އެކަން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ..

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *