މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓަރޭޝަން (ޕެންޝަން އޮފީސް)ގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރުކަމަށް ކުރިމަލާން 3 ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
އެ އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ އޮފީހުގ ެބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންގެ ތެރެއިން 1 މަޤާމަށްޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރު ކަމަށް ކުރިމަތިލުމަށް 10 ފެބުރުވަރީ 2026 އާއި 25 ފެބުރުވަރީ 2026 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ބޭނުންވާ ޢަދަދަށް އެކަށީގެންވާ އެޕްލިކޭޝަން ލިބިފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާ ކަމަށެވެ.
އަދި ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރުމަށްފަހު ކަމަށާއި، އަދި ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ ކަމަށް އެ އޮފީހުގެ އިއުލާނުގައި ބުނެފައި ވެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ގޮތުގައި އެ އިއުލާނުގައި ބުނެފައިވަނީ:
- ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވުން.
- ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން.
- ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން.
- ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން.
- އިސްވެ ބަޔާންކުރެވުނު ޝަރުޠުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ކަނޑައަޅާފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރެވޭނެއެވެ.
އަދި އޭގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލައްވާއިރު ތިރީގައިވާ މަޢުލޫމާތުތައް ހުށަހަޅުއްވަން ވާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
- ބޯޑު މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ).
- ފުރިހަމަ ކޮށްފައިވާ "ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓްގައި އިޢުލާނާއިއެކު ހިމަނާފައި).
- ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަނަވަރު (ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް، މިހާރުގެ އެޑްރެސް، އަދި މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އާއި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފައިޑިއުޝަރީއެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭގޮތަށް)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އިތުރު ސަޕޯޓިންގ ޑޮކިއުމަންޓްސް.
މި މަޣާމަށް ކުރިމަތިލުމުގެ ސުންގަޑިއެއްކަމަށް ބުނެފައިވަނީ 29 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ އެވެ. އަދި އެލައިޑް ބިލްޑިންގ 8 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ވަޑައިގެން ނުވަތަ އެ އޮފީހުގެ އީމެއިލް: bureau@pension.gov.mv އަށް އީމެއިލްކުރައްވައިގެންވެސް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.