ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ރަށުގައި ފަރުވާލިބެންނެތުމުގެ ސަބަބުން ފަރުވާއަށް މާލެ އަންނަންޖެހޭ ފަރާތްތަކަށް ފުލެޓަށް ޝަރުތު ހަމަވާގޮތަށް ހަމަޖައްސައިފި އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޚާއްޞަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުޠުތައް ގެނައި ބަދަލާއެކު ނުކުޅެދުންތެރިކަމަށް ހޯދަންޖެހޭ ފަރުވާގެ ސަބަބުން މާލެ ބަދަލުވެފައިވާނަމަ ނުވަތަ ރަށުން އެފަރުވާ ލިބެން ނުހުންނާތީ މާލެ އަންނަންޖެހޭ ފަރާތްތަކަށްވެސް ފުލެޓަށް އެދި ހުށަހެޅެމުގެ ފުރުޞަތު ތަނަވަސް ވެއްޖެ އެވެ.
ހައުސިންގ މިނިސްޓްރީން ވަނީ އެ މިނިސްޓްރީން އިއުލާނުކޮށްފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާޢިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭގޮތަށް ބަދަލުގެނެސް އެބަދަލު އިއުލާނުކޮށްްފައެވެ.
އެގޮތުން މާލޭގައި އެ ފަރާތުން ދިރިއުޅެފައިވާން ޖެހޭނެ މުއްދަތު ކުރުކުރުމާއެކު އެ ފަރާތެއްގެ ހުރި ނުކުޅެދުންތެރިކަމަކަށް މާލެއިން ޙިދުމަތް ހޯދަން އަންނަންޖެހޭ ފަރާތްތަކާއި ޙިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ ފަރާތްތަކަށް އެޕްލައިކުރުމުގެ ފުރުޞަތު ދިނުމަށެވެ.
އެހެންކަމުން މާލޭގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އަދި ނުކުޅެދުންތެރިކަމަށް ހޯދަންޖެހޭ ފަރުވާގެ ސަބަބުން މާލެ ބަދަލުވެފައިވާނަމަ ނުވަތަ ރަށުން އެފަރުވާ ލިބެން ނުހުންނާތީ މާލެ އަންނަންޖެހޭ ފަރާތްތަކަށްވެސް ފުލެޓަށް އެދި ހުށަހެޅެމުގެ ފުރުޞަތު މިހާރުވަނީ ފަހިވެފައެވެ.