ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިހާވާއި އަންހެނުންގެ ތަރައްގީއަށްމަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ސަރުކާރަށް އެއްބާރުލުންދޭނެ ޕީއެންސީގެ ކެނޑިޑޭޓުން ހޮވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި، ސިޓީތަކުންނާއި ރަށްތަކުގެ ކައުންސިލްތަކުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށްވެސް ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތައް ބާކީކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ހަމައެކަނި ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ހަމައެއް ނޫން ކަމަށާއި، އެހެންކަމުން ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި، އެކަމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިޚާބު ވާން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ޤަބޫލުކުރާ ނިޒާމެއް ކަމަށާއި، ރަށްރަށުގައި އަދި ސިޓީތަކުގައި ކުރަންހުރި ކޮންމެ ކަމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވޭ ކަންކަމަށް ވާއިރު އެކަންކަން އަވަސްވުމާ ލަސްވުމުން އެކަމުގެ އަސަރު އެރަށްރަށުގެ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ކިބައިން ވޯޓަށް އެދެނީ ހެޔޮ ނިޔަތުގައި ވަރަށް ޒިންމާދާރުކަމާއެކީ އެމަސައްކަތް ކުރަން ބޭނުންފުޅުވާތީ ކަމަށާއި، ތަރައްގީގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކަށް ފުރިހަމަކޮށް ނިންމާލުމަށްޓަކައި ކައުންސިލް ނިޒާމުގެ ތެރެއިން ބޭނުންވާ ސަޕޯޓް ސަރުކާރަށް ލިބޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެއްބާރުލުން ދޭނެ ކައުންސިލްތަކަކަށް ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތައް ވެގެންކަމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.