ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަކަމަށް އިދިކުޅު ފަރާތްތަކުން ބުނަމުންދާތީ އެ މައުލޫގައި ބަހުސްކުރުމަށް އައުމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕީޖީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ގޮވާލައްވައިފި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސީގެ ޖަގަހަ ހުޅުވުމށް ބޭއްވި ރަސްމިއްޔާތުގައި ފަލާހު ވިދާޅުވީ 2 އިންތިހާބު އެއްދުވަހެއްގައި ނުބޭއްވުމަށް ވަކާލާތުކުރަމުންދާ އިދިކޮޅު ސިޔާސީ ބޭފުޅުން ދައްކަމުން އަންނަ ވާހަކަތަކަށް ގަބޫލުކުރެވޭނެ ފަދަ ހެއްކެއް އަދިވެސް ދައްކާފައި ނުވާ ކަމަށެވެ.
އޭގެ ބަދަލުގައި އެފަރާތްތަކުން ދައްކަވަމުންގެންދަނީ ހުސް ވާހަކަތަކެއް ކަމަށާއި، އެބޭފުޅުންގެ މަސައްކަތަކީ ހަގީގަތާއި ހިލާފު ވާހަކަތައް ރައްޔިތުންގެ މެދުގައި ފެތުރުންކަމަށް ފަލާހު ވިދާޅުވި އެވެ.
އެގޮތުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައިިގެން ލިބޭނެ ގެއްލުމެއް ވާދަވެރި އެއްވެސް ބޭފުޅަކަށް ވިދާޅުވެ ނުދެއްވާކަމަށްވެސް ފަލާހު ވިދާޅުވި އެވެ.