ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހު ކުރިމިނަލް ކޮޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ 15:30 އެހައިކަންހާއިރު، މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤު ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ، ޒަހަމުކޮށްލާފައިވާ ކަން އެމައްސަލއާއި ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ ހެކި ތަކުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 17/2010) ގެ ދަށުން، އޭނާގެ މަށް އުފުލާފައިވާ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް އޭނާގެ މަށްޗަށް ސާބިތުވާ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މުޙައްމަދު ޝަފީޤު ދައުވާއަށް އިންކާރުކޮށް ހާދިސާ ހިނގިތަނުގައި ނުހުންނާނެކަމަށް ބުނިނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރިސަތުގައި ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެއެވެ.

ވުމާއެކު އެ ހުކުމުގައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށް މުޙައްމަދު ޝަފީޤްގެ މައްޗަށް ސާބިތުވާތީ މުޙައްމަދު ޝަފީޤު 7 އަހަރުގެ މުއްދަތަށް ޖަލަށްލުމަށެވެ. ނަމަވެސް ހުކުމުގެ ކުރީގައި ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 4 އަހަރު ކަމަށްވެސް އެ ހުކުމުގައި ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *