ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބަހައިފި

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް،' ދަޢުވާ އެންޑް ގައިޑެންސްއިން' ދިވެހިރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހައިފި އެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަވާލުކުރި ކަދުރު ރާއްޖެއަށް ރަސްމީކޮށް ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގައި މިއަދު ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ޙަވާލު ކޮށްދެއްވީ، އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެލެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ސައުދީ އަރަބިއްޔާއިން ހަދިޔާކުރި 15 ޓަނުގެ ކަދުރު ބަހާފައިވަނީ ސަރުކާރުގެ މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި އަދި އެހެންބައެއް ފަރާތްތަކަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއާއިމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނުގެ މަސައްކަތްޕުޅަށް ވަޒީރު ވަނީ ތަޢުރީފް ކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގެ ފަރާތުން ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅު ވަޒީރު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *