އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ތެޔޮ ވިއްކި އަގުތަކުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތެޔޮ ފޯރުކޮށްދޭން ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖޭގައި ވެސް އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކޮސްފައިވާ ކަމަށާއި، ނަމަވެސް ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެ ކުންފުނިން ބުނެފައިވަނީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ބުރައަކަށް ނުވާގޮތަށް މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލު ގެނެސްފައި ނުވާ ކަމަށާއި، އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެސްޓީއޯއިން މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކާ އަގަކީ 16.01 ރުފިޔާ އެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާ އަގަކީ 17.54 ރުފިޔާ އެވެ.