އިރާނާއި ލުބުނާނާދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ކުރަމުންގެންދާ މެދުއިރުމަތީ ހަނގުރާމައިގެ މައުލޫމާތު ނަފްރަތު އުފެދޭގޮތަށް ނުގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެމްބީސީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅޭ މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި "ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރަތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު" އާ އެއްގޮތަށް ޒިންމާދާރުކަމާއެކު ޚަބަރު ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން މި ހަނގުރާމައާއި ގުޅިގެން އެކި ފަރާތްތަކުންދައްކާ ވާހަކައިގެ އަސްލު ނުގެއްލޭގޮތަށް މައުލޫމާތު ގެނެސްދިނުމަށް ސަމާލުވުމާއި، އަސްލާ އެއްގޮތަށް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ އަދި ވީޑިއޯ، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުންނުކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ދުނިޔެ ހަނގުރާމައިގެ ބިރުވެރި ކަމުގެ ތެރޭގައި އޮތް މި ޚައްޞާސް ދަނޑިވަޅުގައި މީޑިއާތަކުން މިފަދަ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެ ކޮމިޝަނުގެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ވެސް މީޑިއާތަކުގެ ބެލެނިވެރިފަރާތުގެ ހައިސިއްޔަތުން އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.