ތިނަދޫ ސިޓީގައި ގާއިމްކުރި މޯލްޑިވްސް ގޭހުގެ ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސެންޓަރުން ޙިދުމަތް ފޯރުކޮށްދިނުމުގެ ތައްޔާރީތައް ވާން ފަށައިފި

ގދ. ތިނަދޫގައި މޯލްޑިވް ގޭސްގެ ފަރާތުން ތަރައްޤީކުރާ 1500 މެޓްރިކް ޓަނުގެ ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސެންޓަރު ޚިދުމަތަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގައި ގޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންއަންނަ މަސައްކަތްތަކުގެ ދަށުގެ ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްް ގޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތިނަދޫސިޓީގައި ގާއިމްކުރި މި ސްޓޯރޭޖާއި ޑިސޓްރިބިއުޝަން ސެންޓަރަކީ 2016 ވަނަ އަހަރުގެ ތެރޭގައި ފެށިގެން އެ ކުންފުނިން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫޢެއްކަމަށް އެ ކުންފިނިން ބުނެއެވެ.

އެކުންފުނިން ބުނީ މި މަޝްރޫޢުގެ 75 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށާއި، އެގޮތުން ޑިސްޓްރިބިއުޝަން ސެންޓަރުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ނުނިމިހުރި 25 އިންސައްތަ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ކުރިއަށް އޮތް 15 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމަށް އެކުންފުނިން މަސައްކަތްކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ތިނަދޫގެ ލޭންޑްސްކޭޕަށް ބޮޑެތި ބަދަލުތަކެއް އައުމާއިގުޅިގެން ޑިސްޓްރިބިއުޝަން ސެންޓަރުގެ އަންލޯޑިން ޕައިޕްލައިނަށާއި ވޯޓަރ ޕަންޕްތަކުގެ ސަކްޝަންލައިންތަކަށް ގެންނަން ޖެހުނު ބޮޑެތި ފަންނީ ބަދަލުތަކާ ގުޅިގެން ގިނަދުވަސްތަކެއް ވަންދެން އެ މަޝްރޫއުގެ މަސައްކަތް މަޑުޖެހެން މެދުވެރިވި ކަމަށާއި، އެ ބަދަލުތަކުގެ ތެރޭގައި ސައިޓުގެ އިރުމަތީ ފަރާތުން އިންޑަސްޓްރިއަލް ބިން ހިއްކުމާއި ގުޅިގެން ގެންނަން ޖެހުނު ބަދަލުތަކާއި، އައު ޑިޒައިނުގެ ދަށުން ޓޭންކަށް ގޭސް ލޯޑްކުރުމަށްޓަކައި 450 މީޓަރުގެ ދިގު ޕައިޕްލައިނެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެކުންފުނިން ބުނީ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދާއި އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ ތިނަދޫއަށް ޒިޔާރަތްކުރައްވާފައިވާކަމަށާއި، މި ދަތުރުފުޅުގައި ފެނަކަ ކޯޕަރޭޝަނާއި އަދި ތިނަދޫގެ ކަމާއިބެހޭ ފަރާތްތަކާއެކު، މަޝްރޫޢު އަވަސްކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އަދި މީގެ ކުރިން ތިނަދޫ ސިޓީ ކައުންސިލާގެ އެހީތެރިކަން ހޯދުމަށްޓަކައި ވަރަަށް ބޮޑަށް މަޝްވަރާކުރެވިފައިވާކަން ފާހަގަކުރައްވާއި، އެކުންފުނިން ބުނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގޭހުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ލުއިފަސޭހަކަމާއިއެކު ގޭސް ލިބޭނެ މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަންދެއްވާ ސިޔާސަތެއް ކަމަށާއި، އެހެންކަމުން މި މަޝްރޫޢުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަންވެސް އެކުންފުނިން ފާހަގަކޮށްފައި ވެއެވެ.

މޯލްޑިވްސް ގޭހުން މި މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު މި މަޝްރޫޢު ނިންމާލެވުމުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގޭސް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބި، ސަރަހައްދީ ފެންވަރުގައި ގޭހުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *