ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ފުލެޓަށް އެދެވޭ ގޮތަށް ހަމަޖައްސަވައި އެފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ފުލެޓަށް އެދެވޭ ގޮތަށް ހަމަޖައްސަވައި އެފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބަްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން މާލޭ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި، ގޯތީގައި ގެދޮރު އިމާރާތްކުރާނޭ ތަނަވަސްކަން ނެތް ފަރާތްތައް ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން  އެމަނިކުފާނު ވިދާޅުވީ، އެފަދަ ފަރާތްތަކަށް ހައުސިންގ ޔުނިޓު ލިބިއްޖެނަމަ، ލިބިފައިވާ ގޯތި ދޫކޮށްލާ ގޮތަށް، މިހާރު ހުޅުވާލާފައިވާ ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ދުނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މިގޮތަށް ދޫކޮށްލާ ގޯތިތައް، ކުރީގެ ސްކީމުން ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަކަށް ދޭގޮތަށް، ނުވަތަ އާ ސްކީމެއް މެދުވެރިކޮށްގެންނަމަވެސް، އަދުލުވެރި ގޮތަކަށް، އަލުން ދޫކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ގޯތި ދޫކޮށްފައިވާ ސަރަޙައްދުތަކުގެ މަގުހެދުމާއި، އެސަރަޙައްދުތަކަށް ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތްދިނުމުގެ މަސައްކަތް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުންދާކަމުގެ ޔަޤީންކަންވެސް، އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، ހިނގަމުންދާ ދައުރުގެ ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މެދުވެރިކޮށް، އެތައް ހާސް ރައްޔިތުންނަށް އެ ދައުރުގެ ތެރޭގައި ފްލެޓް ލިބި، ހިކިފަސްތާކުން ގޯތިލިބޭނޭ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.

އެގޮތުން، ބީ.އެމް.އެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢަކީ، 2028 ގެ ޖުލައި މަހާ ހަމައަށް ނިންމޭނޭ މަޝްރޫޢެއްކަމަށް ވިދާޅުވެ، އެ މަޝްރޫޢުގެ ހުރިހާ ހައުސިންގ ޔުނިޓުތަކުގައި އެހާތަނަށް މީހުން ދިރިއުޅޭނޭކަމަށް އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.

އަދި މިހާރު ހުޅުވާލާފައިވާ އަށްހާހެއްހާ ފްލެޓްގެ ސްކީމަކީވެސް، މި ދައުރުގެ ތެރޭ ނިންމުމަށް ގަސްދުކުރައްވާފައިވާ ސްކީމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޭރުގެ އެހީގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އަދާހަމަވެސް ގާތުން ބައްލަވަމުންގެންދަވާކަމަށާއި، އަތޮޅު ތެރޭގައި ހިންގާ މަޝްރޫޢުތައްވެސް، ދައުރުގެތެރޭގައި ނިންމޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *