ބީ.އެމް.އެލް އިން ޤާއިމުކުރި އައު ބްރާންޗް ނެޓްވަރކާއި، އަލަށް ޤާއިމުކުރި އޭ.ޓީ.އެމްތަކުގެ ޚިދުމަތް އިފްތިތާހް ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ޕަބްލިކް ލިމިޓަޑް ކޮމްޕެނީއިން ޤާއިމުކުރި އައު ބްރާންޗް ނެޓްވަރކާއި، އެ ބޭންކުން އަލަށް ޤާއިމުކުރި އޭ.ޓީ.އެމްތަކުގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު ރޭ އިފްތިތާޙު ކޮށްދެއްވައިފި އެވެ.

ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު ވަނީ، ބީ.އެމް.އެލްގެ އައު ބްރާންޗް ނެޓްވަރކް، 6 ރަށެއްގައި އެއް ވަގުތެއްގައި އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ބީ.އެމް.އެލްއިން އަލަށް ޤާއިމުކުރި 90 އޭ.ޓީ.އެމްގެ ޚިދުމަތްވެސް އިފްތިތާޙުކޮށްދެއްވާފައެވެ.

އެގޮތުން ރޭ އެއް ވަގުތެއްގައި ވަނީ 70 ޑޮލަރު އޭ.ޓީ.އެމްއާއި ދިވެހި ރުފިޔާގެ 20 އޭ.ޓީ.އެމްގެ ޚިދުމަތް އެއް ވަގުތެއްގައި އިފްތިތާހް ކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދާ އެއްގޮތަށް މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު އިސްނަންގަވައިގެން ވަނީ ކާމިޔާބު މަޝްރޫޢެއް ކުރިއަށްގެންދަވާފައެވެ.

އެގޮތުން ކުރިއަށްގެންދެވުނު "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" މަޝްރޫޢު ރަސްމީކޮށް ނިންމާލާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން އެއް ސެލްފް ސަރވިސް ބޭންކިންގ ޔުނިޓް (އޭ.ޓީ.އެމް)ގެ ޚިދުމަތް ކަށަވަރުކުރުމަށްޓަކައި، އެންމެ 9 މަސްދުވަހުގެ ތެރޭގައި ހިންގެވި މުހިންމު މަޝްރޫޢެކެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ސެލްފް ސަރވިސް ބޭންކިންގ، އޭ.ޓީ.އެމް ޤާއިމުކޮށް، އެ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ސަބަބުން، ރަށުގައި ތިއްބަވައިގެން ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި އަދި ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް، ފަސޭހައިން ލިބޭނެގޮތް މިހާރުވަނީ ހަމަޖެހިފައެވެ.

ބީ.އެމް.އެލްގެ ބްރާންޗް އަދި އޭ.ޓީ.އެމް ވިއުގަ ފުޅާކޮށް އިފްތިތާޙްކުރުމަށް މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި، ބީ.އެމް.އެލްގެ އިސްވެރީންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *