ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ އެ މަގާމުން ވަކިކުރެއްވުމަށްފަހު އަލުން އަނބުރާ އެ މަގާމު ދެއްވައިފި އެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ނަތީޖާއަށްފަހު މެންބަރު އަސްމާގެ ދަރިކަލުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި މެންބަރު އަސްމާގެ ކޮށްކޮ ޖެނީވާގެ އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ އެ މަގާމުތަކުން ވަކިކޮށްފި އެވެ.
މި ދެ ބޭފުޅުން މަގާމުތަކުން ވަކިކޮށްފައި ވަނީ ރައީސް ޑރ މުއިއްޒު އަށް ވޯޓު ނުދެއްވުމަށް ވިދާޅުވެ މީހެއްގާތު ވާހަކަ ދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާ ދަނޑިވަޅއެއްގައެވެ.
ލީކުވެފައިވާ ފޯނު ކޯލުގެ އޯޑިއޯގައި މެންބަރު އަސްމާ ވިދާޅުވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށެވެ.