މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި އުދަރެސް ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްގޮސް އެ ބޯޓުން މުދާތަށް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސމާލުވާން ފުލުހުން އެދިއްޖެ އެވެ.
13 މީހުންނާއެކު މާލެއިން ފުރައިގެން ދަތުރުކުރި މި ބޯޓު ފަރަށް އަރައި އަޑިއަށް ދިއުމާއެކު އެ ބޯޓުން ދަތުރުކުރި މީހަކު ފަތާފައި ގޮސް ކައިރީއޮތް އޮޅުވެލި ރިސޯޓަށް އަރައި ދޯންޏެއްގައި އައިސް 11 މީހުން އެ ދޯނަށް ނަގާފައިވާ ކަމަށާއި ނަމަވެސް އެ ދޯނިން ދަތުރުކުރި 2 ދިވެހިންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ވަނީޯ ބުނެފައެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ މެންދަމު 1:25 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ސަލާމަތް ކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަަށް ފުލުހުން ބުނެ އެވެ.