ދައުލަތާ ސަރުކާރުގެ ވެރިންނަކީ މުޅިން ތަފާތު 2 މީހުން ކަމަށް ހަދައި، ދައުލަތާ ސަރުކާރުގެ އިމްތިޔާޒު ތަކުގެ ހައްދު ކަނޑައެޅުމާގުޅޭ ހިޔާލު ރައީސް ނަޝީދުއާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފާޅުކުރެއްވުމާ ގުޅިގެން ހާމަވި އެއްކަމަކީ ގައުމާމެދު ނުވަތަ ގައުމުގެ މުސްތަގުބަލާމެދު ވިސްނާ ސިޔާސީ ފަރާތްތައް އަދިވެސް މި ރާއްޖޭހގައި ތިބި ކަމެވެ.
މީގެ 20 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ސިޔާސީ މި ބަހަކީ މާ އާންމު ބަހެއް ނޫން ނަމަވެސް މަދު ބަޔަކު ނިކުމެ ހައްގު ތަކާއި ހައްދު ތަކުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބެންޖެހޭނެ ކަމަށް ބުނެ އޭރު ކުރި މަސައްކަތުން ދިވެހިން މިއަދު މި ދެކޭ މިނިވަން ޖައްވު މިވަނީ ލިބިފައެވެ.
އޭރު އެ މަސައްކަތުގައި އިސްކޮށް އުޅުނު ފަރާތްތަކަކީ ނުވަތަ ސިޔާސީ މަސައްކަތްތައް ކުރި ފަރާތްތަކަކީ މިއަދުވެސް ގިނަ ބައެއްގެ ހިތުގެ އުމުގުން ޝުކުރުވެރިވާ ބައެކެވެ.
ނަމަވެސް އޭގެ ވިއްސަކަށް އަހަރު ފަހުން މިއަދުގެ ޒުވާނުން ދެކެނީ ސިޔާސީންނަކީ އަމިއްލަ އެދުމާއިގެން އުޅޭ ބައެއްގެ ގޮތުގައެވެ. ދޮގު ނޫން އެއްޗެއް އެބައި މީހުން ނުހަދާ ކަމަށެވެ. ދުވާލާ ރޭގަނޑު އެބައި މީހުން ކުރާ މަސައްކަތަކީ ވެރިކަމަށް އައުމަށް ނުވަތަ ބާރުވެރިކަން ހޯދަން ކުރާ މަސައްކަތް ކަމަށެވެ.
މިއަދުގެ ޒުވާނުންނަށް މުޅިންވެސް ފެންނަމުންދަނީ ސަރުކާރު ބަދަލުވާ ތަނެވެ. އެހެން އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ.
މިއަދުގެ ޒުވާނުންނަށް ފެންނަނީ ދައުލަތަކީ ސިޔާސީ ބާރުވެރިކަމުގައި ތިބެން ބޭނުންކުރާ ހަޒާނާ އަކަށް ހަދައިގެން ސަރުކާރު ހިންގާ ސިޔާސީ ފަރާތްތަކުން ބޮޑެތި އިސްރާފް ކުރަމުންދާ ތަނެވެ. އެޒުވާނުން ކިޔަވައި ދަސްކުރި ހުރިހާ އެއްޗަކާ މުޅިން ތަފާތުކޮށް އިގްތިސާދުވެސް އިޖުތިމާއީ ކަންކަންވެސް ކުރަމުން އަންނަ ތަނެވެ.
މިކަންކަން މިހެން ފެންނަމުންދިޔަ މުޖުތަމައުއެއްގައި ބޮޑެތިވި ޒުވާނުންނަށް ސިޔާސީންނަކީ އަމިއްލަ އެދުމާއިގެން އުޅޭ ބައެކެވެ. އެއްވެސް އިހުލާސްތެރިކަމެއް ހުރި ބައެއް ނޫނެވެ. އެހެންކަމުން އެވެރިން ދައްކާ ވާހަކައަކަށް މިއދުގެ ޒުވާނުން މާބޮޑު ސަމާލުކަމެއްވެސް ދެމުންއައިތަނެއް ނުފެނެއެވެ.
ނަމަވެސް އެމްޑީގެ އިސް ދެ ލީޑަރަކު މިއަދު އެ ފާޅުކުރެއްވި ހިޔާލުތަކާއެކު ހަގީގީ ސިޔާސީ މަސައްކަތްތަކެއް ކުރުމުގެ ވިސްނުންހުރި ސިޔާސީ ފަރާތްތައްވެސް މި ރާއްޖޭގައި ތިބިކަމުގެ އިހުސާސް ކުރެވިއްޖެއެވެ.
ހައްދެއްނެތި އެބިއުސް ކުރަމުންއައި ބާރުތައް ދައުލަތާއި ސަރުކާރުގެ ވެރިން ދޫކޮށްލާ ވާހަކަތަކެވެ. ދައުލަތުން ސީދާގޮތުން ވިޔާފާރިކުރުން ހުއްޓާލާ ވާހަކައެވެ. ފަނޑިޔާރުންނަކީ ދައުލަތާ ސަރުކާރުގެ ވެރިން ދެކެ ބިރުނުގަންނަ ބަޔަކަށް ހަދާ ވާހަކަ އެވެ.
ސަރުކާރު ހިންގާ ފަރާތާ ދައުލަތުގެ ވެރިފަރާތް ވަކި ކުރާ ވާހަކައެވެ. އާދެ ޖުމްލަކޮށް ބުނަނީ ނަމަ ހައްދެއް މިންވަރަށް ބާރު ލިބިގފައިވާ ސިޔާސީއަކު ނެތް ރާއްޖެއެއް ހޯދާ ވާހަކައެވެ.
މިވާހަކަ ޒުވާނުން ވަރަށް ގަޔާވާ ވާހަކައަކަށް ވެއްޖެ އެވެ. އަދި މި ހިޔާލާ އެކު، ގައުމަށް ހެޔޮގޮތް ހޯދަން މަސައްކަތްކުރާ ސިޔާސީން ތިބިކަމުގެ އިހްސާސް ކުރެވިއްޖެ އެވެ.