ބަނގުރަލާއެކު މާލެއިން ސިލޯނުގެ 3 މީހުން ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ސިލޯނުގެ 3 މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ސްރީލަންކާގެ ރައްޔިތުން ކަމަށްވާ ވަނީ މަހޭސް އިންދިރާޖިތް ސިލްވަ (42އ) އާއި ކަލްޔަނި އެޑިރިސިންގިހި އައްޕުހަމިލަގެ (48އ) އާއި މަންޖުލަ ކުމަރަ ރަތްނަޔަކެ މުޑިޔަންސެ (50އ) އެވެ.

ފުލުހުން ބުނީ މި 3 މީހުން ހައްޔަރުކޮށްފައި ވަނީ މި މަހު 28 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށާއި އެ ގެ ބަލައިފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 24 ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ޓައްޕެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން، 38000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 1100 އަށްވުރެ ގިނަ ޔޫއެސް ޑޮލަރު ފެނިފައިވާ ކަމަށާއި އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 3 މީހުންގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *