ފައިސާވެރި ސިޔާސީމީހުންގެ ފަހަތުން އެމްޑީޕީ ދާންފަށާވައިވާ ކަމަށާއި އެކަމަކީ އެމްޑީޕީގެ ފިކުރު ފަނޑުވި ކަމުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ވަނީ ދެކެން ފަށާފައެވެ.
މާޒީއަށް ބަލާއިރު ހަމައެކަނި މާގިނަ ފައިސާ ހުރި ފަރާތަކަށްވާތީ އެމްޑީޕީގެ ލީޑަރޝިޕަށް އައުމަކީ އެހާ ފަސޭހައިން ވެފައިވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ އާންމު މެންބަރުންނާއި، އެމްޑީޕީގެ އެކްޓިވިސްޓުން އެމްޑީޕީގެ އިސް ސަފަށް މީހުން ގެނައުމުގައި ވަޒަންކޮށްފައިވަނީ އެމީހާ އަކީ އެމްޑީޕީގެ ފަލްސަފާގެ މަތީގައި ގާއިމްވެ ހުރި މީހެއްތޯ އާއި އެމީހާ އަކީ ހަގީގަތުގައިވެސް އެ ޕާޓީގެ ފިކުރު ކުރިއަރުވަން މަސައްކަތްކުރާ މީހެއް ތޯއެވެ.
މީގެ ކުރިންވެސް ސިޔާސީ ޝޯޓްކަޓް ނެގުމަށްޓަކައި އެމްޑީޕެ ފިކުރާ ދުރު ސިޔާސީ މަހުޖަނުން އެ ޕާޓީގެ ތެރެއަށް ވަދެގެން މަސައްކަތް ކޮށްފައިވީނަމަވެސް އެ ޕާޓީގެ އެކްޓިވިސްޓުންނާއި އާންމު މެންބަރުން އ ޕާޓީގެ ސިޔާސަތު ކަނޑައަޅާ ހިސާބަށް ދިއުމުގެ ފުރުސަތު އެ މަހުޖަނުންނަށް ދީފައިވާ ތަނެއް ނުފެނެ އެވެ.
ރާއްޖޭގައި ސިޔާސީކަންކަން އުފެދިގެންއައިއިރު ބޮޑަށް ފާހަގަކުރެވުނީ އެމްޑީޕީ އަކީ ދެގޮތެއްވުނެ އެއް އަމާޒަކަށް މަސައްކަތްކުރަމުންއައި ސިޔާސީ ވިސްނުމެއްގެ ގޮތުގައެވެ.
ފެހި ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުން އައިއިރު އެ ގާނޫނު އަސާސީގައި ލިޔާ އެންމެ ޖުމްލައެއް އިބާރާތްކުރާނެ ގޮތްވެސް އެ ޕާޓީން ވަނީ މަގުމަތީ ތިބެ އޭރުގެ ސަރުކާރަށް ކުރި ޕްރެޝަރުތަކުން ބަދަލުކުރުވާފައެވެ.
މިދެންނެވި ފަދައިން އެމްޑީޕީ ގަބޫލު ކުރާ އަސާސްތައް ހިފަހައްޓައި ނަގަހައްޓުމުގައި ތިބީ އެއްވެސް ވަރުބަލިކަމެއް ނެތި އެވެ. އަދި އެ ގޮތްތައް ދޫކޮށްލުމަށް އެ ބައިމީހުން ދޫދީފައިވާ ތަނެއް ނުފެނެއެވެ. ނަމަވެސް އޭގެ 16 ވަރަކަށް އަހަރު ފަހުން، މިހާރު މި ފެންނަނީ ވަރަށް ގިނަ ކަންކަން ބަދަލުވެފައިވާ ތަނެވެ.
އެ ޕާޓީގެ ތެރެއަށް ވަދެފައިވާ ފައިސާ ގެންގުޅޭ ބައެއް ފަރާތްތަކުން އެ ޕާޓީގެ ކޮންޓްރޯލް ނަގަމުންދާ ތަން މިވަނީ ފެންނަން ފަށާފައެވެ. ޕާޓީގެ އަސާސްތަކަށްވަރެ މިދެންނެވި ފައިސާ ވެރިންގެ ބާރު ގަދަވަމުންދާތަން މިވަނީ ފެންނަން ފަށާފައެވެ. ފައިސާގެ ނުފޫޒް އެ ޕާޓީގެ ތެރޭގައި ނުހަނު ބޮޑަށް އަށަގަންނަމުންދާތަން މިވަނީ ފެންނަން ފަށާފައެވެ. ވަކިން ހާއްސަކޮށް އިސްކޮށް އުޅޭ އެކްޓިވިސްޓުން ފައިސާގެންގުޅޭ މީހުންގެ ވަށައިގެން އެނބުރޭތަން މިހާރު ފެންނަމުންދާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ކަން މިހެން ހުރުމާއެކު އެ ޕާޓީގެ ފިކުރު މިހާރު އެދަނީ ފަނޑުވަމުން ކަމުގައި ބުނެވެން ވެސް އެ ވަނީ ފަށާފައެވެ.