ބީއެމެއެލް މުވައްޒަފުންގެ ލީޑަރޝިޕާއި ޕްރޮފެޝަނަލް ހުނަރު ތަރައްގީކުރުމަށް، ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ (އެސްއެމްޔޫ) އާއެކު މުވައްޒަފުންގެ ލީޑަރޝިޕް ތަރައްޤީކުރުމާއި ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ގާބިލުކަން އިތުރުކުރުމަށްކުރެވޭ މަސައްކަތުގައި ދެ މުވައްސަސާގެ ދެމެދުގައި ސްޓެރެޓިޖިކް ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ ބޭންކުން ބުނީ އެ ބޭންކުގައި މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގަން އުފައްދާފައި އޮންނަ ބީއެމްއެލް އެކެޑަމީއާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރުވެސް އޮތް ގުޅުން އެ އެއްބަސްވުމުގެ ދަށުން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

އަދި މި ގުޅުމުގެ ދަށުން، ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވޭ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމާއި ހިންގުމުގައި އެސްއެމްޔޫއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، އަދި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރެވޭނެ ކަމަށްވެސް އެ ބޭންކުން ބުނެފައި ވެއެވެ.

މީގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނު ފުރުސަތުތައް ފުޅާކުރުމަށާއި މެދުނުކެނޑި ފަންނީ ކުރިއެރުން ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ބީއެމްއެލް އެކަޑަމީއިން ކުރާ މަސައްކަތްތައް އިތުރަށް ތަރައްގީވެގެންދާނެ ކަމަށްވެސް އެ ބޭންކުން ބުނެފައި ވެއެވެ.

"މި ޕާޓްނަރޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ހާމަވެގެންދޭ. ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރަން. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗަރޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާއެކު އަޅުގަނޑުމެންގެ އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މި ދަނީ." މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ވޭތުވެދިޔަ އަހަރު އެސްއެމްޔޫއާއެކު ކުރިއަށްގެންދިޔަ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ބީއެމްއެލްގެ 40 މުވައްޒަފަކު ލީޑަރޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްްފައިވާ ކަމަށާއި މީގެ ތެރެއިން ސީނިއަރ 20 މުވައްޒަފަކު އެސްއެމްޔޫއިން ދޭ 'އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައިވާއިރު، އިތުރު 20 މުވައްޒަފަކު ވަނީ އެސްއެމްޔޫއިން ހިންގި ސެޓިފިކެޓް ޕްރޮގްރާމެއް ނިންމުމަށްފަހު ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް 'ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައި ކަމަސް އެ ބޭންކުން ބުނެއެވެ.

އެސްއެމްޔޫ އާއި ބީއެމްއެލް އެކެޑެމީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާއިރު، މިފަދަ އިތުރު ތަމްރީނުތައް މިހާރުވެސް ހިނގަމުން ދާކަން އެ ބޭންކުން ފާހަގަކޮށް އެބޭންކުން ބުނީ އެ ބޭންކުން ދަނީ މުވައްޒަފުން ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރަމުން ކަމަށާއި މިއީ ބޭންކުން ގެންނަމުން އަންނަ ހެޔޮ ބަދަލުތަކަށާއި، ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *