އަޅުގަނޑުމެން މިތިބީ ހުރިހާ ނޫސްވެރިންނާއެކު، ސަރުކާރު ޒިންމާދާރު ކުރުވުމަށް އޮތް ހަމައެކަނި މަގަކީ މިނިވަން ނޫސްވެރިކަން: ފައްޔާޒް

ސަރުކާރު ޒިންމާދާރު ކުރުވުމަށް އޮތް ހަމައެކަނި މަގަކީ މިނިވަން ނޫސްވެރިކަން ކަމަށާއި، އިސް ސަފުގައި މަސައްކަތް ކުރަމުންދާ ހުރިހާ ނޫސްވެރިންނާއެކު ސާބިތުކަމާއެކު ހުންނަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓުގައި ފައްޔާޒް ވިދާޅުވީ މި ވެރިކަމުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މީޑިއާގެ މިނިވަންކަން 2008 ގެ ކުރިން އޮތް ޒަމާނަށް ވަނީ ބަދަލުވެފައި ކަމަށެވެ.

އަދި މި ސަރުކާރުން ގެނައި މީޑިއާ ކޮންޓްރޯލް ބިލާއި ކޮންޓްރޯލް ކޮމިޝަނަކީ ހިޔާލު ތަފާތުވުންތައް ނައްތާލުމަށާއި މިނިވަން ނޫސްވެރިންނަށް ބިރު ދެއްކުމަށް ރައީސަށް ބޭނުންކުރެވޭ ހަތިޔާރަކަށް ވެފައިވާ ކަމަށާއި، ނަމަވެސް ކޮރަޕްޝަނާއި ސަރުކާރުގެ ނާގާބިލްކަމާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ސަބަބުން ނޫސްވެރިންނަށް ބިރު ދައްކައި ފުރައްސާރަ ކުރެވެމުންދާ ކަމަށެވެ.

އެހެންކަމުން މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލައި ނޫސްވެރިން އަމިއްލައަށް ރެގިއުލޭޓު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ހިތްވަރު ދިނުމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުޅުވިފައިވާ މާހައުލެއް ގާއިމު ކުރުމަށް ވެސް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތރުން ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައި ހުންނަ ބަސްތަކެއް ނޫންކަމަށާއި، އެއީ ދިރިހުރި ޙަޤީޤަތެއްކަން ކަށަވަރު ކުރަންޖެހޭ ކަމަށާއި، އެއްވެސް ނޫސްވެރިއަކަށް، ދައުލަތުގެ ފަރާތުން ބިރު ދައްކައިގެން ނުވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *