ރައީސް ޑރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރު (ކޮލަމްބޯގެ ނެޝަނަލް މިއުޒިއަމް) އަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތަކީ އެމަނިކުފާނު ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ސަގާފީ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރެއްވި ޒިޔާރަތެއް ކަމަށް ރައީސުލްޖުމްހޫރިއްޠާގެ އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ދެކަނބަލުން ސްރީލަންކާގެ ގައުމީ ދާރުލްއާސާރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެތަނުގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ދާރުލްއާސާރުގެ އެކި ގެލެރީތައް ބައްލަވާލައްވައި، ސްރީލަންކާގެ މުއްސަނދި ތާރީޚާއި، ސަގާފީ ތަރިކަ އަދި އާދަކާދަތައް ދައްކުވައިދޭ ތަކެއްޗާ ބެހޭ މަޢުލޫމާތު އެމަނިކުފާނުގެ ދެކަނބަލުން މި ޒިޔާރަތުގައި އޮޅުންފިލުއްވިއެވެ.

ދާރުލްއާސާރަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، އަންނަން އޮތް ޖީލުތަކަށްޓަކައި ޤައުމުގެ ތަރިކަ ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތާރީޚު ދައްކުވައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި، އެކަމުގެ އަގުވަޒަންކުރެއްވިއެވެ.

މިފަދަ ސަގާފީ ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންއިތުރަށް ހަރުދަނާކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *