ވައިބައިން ފޮނުވި ލިންކެއް މެދުވެރިކޮށް މަކަރާއި ހީލަތުން މީހެއްގެ ބެންކު އެކައުންޓުން 50،000 ރުފިޔާ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވައިބައިން ފޮނުވި ލިންކެއް މެދުވެރިކޮށް މަކަރާއި ހީލަތުން މީހެއްގެ ބެންކު އެކައުންޓުން 50،000 ރުފިޔާ ފޭރުނު މައްސަލައެއްގައި މ. އޮމެގާ، މާލެ، މޫސާ މުޙައްމަދު، 38، މިމަހުގެ 2 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ވެސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސަ ވަނީ ފޭސްބުކް މެސެންޖަ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދައި ވައިބަރ މެދުވެރިކޮށް އޭނަ ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެފައި ކަމަށާއި، އަދި އެއަށްފަހު އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50،000 ރުފިޔާ ކެނޑިފައިވާ ކަމަށެވެ.
އަދި އެ ފައިސާ ޖަމާވެފައި ވަނީ މޫސަގެ ނަމުގައިވާ އެކައުންޓަށް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.