ޕްރޮމޯޝަން ނުލިބި ގިނަދުވަސްވާ ސިފައިން ވަޒީފައިން ވަކިވާ ގޮތަށް އޮންނަ އުސޫލު ބަދަލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ ހިދުމަތުގައި އިހުލާސްތެރިކަމާއެކު ދެމި ތިބޭ މީހުން ވަކި ރޭންކެއްގައި ގިނަދުވަސް ވުމުން ހިދުމަތުން ވަކިވާންޖެހޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށް، ސިފައިންގެ ގާނޫނާއި ގަވާއިދުތަކަށް ބޮޑެތި އިސްލާހުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވީ ސިފައިންގެ ދުވަސް ފާހަގަކުރަން ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ވަކި ރޭންކެއްގައި މާގިނަ ދުވަހު މަޑުކުރަން ޖެހުމުން ސިފައިންގެ ވަޒީފާއިން ވަކިކުރެވޭ ގޮތަށް އޮތުމަކީ އެންމެ އަދުލުވެރި ގޮތް ނޫން ކަމަށާއި، އޭގެ ސަބަބުން ގައުމަށާއި ސިފައިންގެ މީހާއާއި އެމީހާގެ އާއިލާއަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވާ ކަމަށެވެ.
އަދި ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކީގައި ހިދުމަތް ކުރަމުންދާ ސިފައިންގެ މީހުންނަށް އަދި ރޭންކުގައި ވަކި މުއްދަތެއް ވިޔަސް އަދި ލިމިޓޭޝަން މިހާރު އޮތް ގަވާއިދުގެ ތެރެއިން ވަޒީފާއިން ވަކިވާގޮތަށް އޮތް އޮތުން އެއީ ބަދަލުކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން އެ ގަވާއިދަށް ބަދަލުގެނެސް ސިފައިންގެ ހިދުމަތުގައި ދެމިހުރެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށްވެސް ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.