މަގާމުގެ ނުފޫޒު ބޭނުންކޮސްގެން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރަން ވެރިކަންކުރާ ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 73 މެންބަރުންގެ ސޮޔާއެކު ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ގަރާރުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް ކަމުގައި ހުންނަވައިގެން މެންބަރު ނާޒިމް ގެންދަވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަމުންނެވެ.
އަދި ފިތުނަ ފަސާދަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވުމަށްވެސް ނާޒިމް ގެންދަނީ މަސައްކަތްކުރަމުން ކަމަށާއި، އެހެންކަމުން އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި އޭނާ ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނައިބު ރައީސް ނާޒިމް ހުރަހަކަށް ވެފައިވާ ކަމަށްވެސް އެ ޤަރާރުގައި ބުނެފައި ވެއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން މެންބަރު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސްކަމުން ވަކިކުރަން ހުށަހަޅާކަމަށްވެސް އެގަރާރުގައި ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާގޮތުން އެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު މަޤާމުން ވަކިކުރަން ޤަރާރެއް ހުށަހެޅޭނީ މުޅި މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅައިގެންނެވެ.
އަދި އެ ޤަރާރު މަޖިލީހުގެ އިދާރާއަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ޤަރާރުގެ ނޯޓިސް މެންބަރުންނާއި ނައިބު ރައީސަށް އަމީންއާންމު ފޮނުވަން ޖެހެ އެވެ. އަދި 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދޫ ނުން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަން ޖެހެ އެވެ.
މީގެ އިތުރުން އެ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި އެމީހެއްގެ ދިފާއުގައި ބަހުސްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ޙައްގު ރައީސާއި ނައިބު ރައީސަށް ލިބިގެންވެއެވެ.